ނިމިގެންދިޔަ ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރުގައި ޓީމަށް ގެނެވުނު ބަދަލުތަކާއިމެދު ހިތްހަމަ ޖެހޭ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
މަރެސްކާ ބުނެފައިވަނީ ޖެނުއަރީ ޓްރާންސްފަރ ގައި އެ ކްލަބަށް އިތުރު ފޯވަޑެއް ނުހޯދުނު ނަމަވެސް ކްލަބަށް ގެންނަން ބޭނުންވި ބަދަލުތައް ގެނެވުނު ކަމަށާއި ކްލަބް ދޫކޮށް ދާން ބޭނުންވި ގިނަ ކުޅުންތެރިންނަށް އެފުރުސަތު ލިބިފައިވާ ކަމަށެވެ.
ޗެލްސީން ވަނީ އެ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓަޑް ކުޅޭ އަލެހަންދްރޯ ގަރްނާޗޯ އާއި މިހާރު ޓޮޓްނަމް އަށް ކުޅެމުންދާ މެތީސް ޓެލްގެ އިތުރުން ބޮރޫޝިޔާ ޑޯޓްމަންޑްގެ ޖެމީ ބައިނޯ-ގިޓެންސް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
ޗެލްސީގެ ސްކޮޑަށް ބަދަލުތަކެއް އައިސްފައިވާއިރު ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސްޓްހޭމް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމުގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމުގައިވާ ނިކޮލަސް ޖެކްސަން އާއި މާކް ޖިއޫ އަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން ޖިއޫގެ އަނިޔާ ހީކުރިވަރަށްވުރެ ގޯސް ކަމަށް ގަބޫލުކުރެވޭއިރު ޖެކްސަން އަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.
ނިމިގެންދިޔަ ޓްރާންސްފަރ ގައި ޗެލްސީން ވަނީ ހަ ކުޅުންތެރިއަކު ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ޖޮއައޯ ފީލިކްސް އާއި ބެން ޗިލްވެސް އާއި އެކްސެލް ޑިސާސީ އާއި ރެނާޓޯ ވެއިގާ އާއި ސެސާރ ކަސަޑާއީގެ އިތުރުން ޗުކުވުއެމެކާ ހިމެނެ އެވެ. ޗެލްސީ އާއި އަލަށް ގުޅިފައިވާ ހަމައެކަނި ކުޅުންތެރިއަކީ ފްރާންސްގެ ސެއިންޓް އެޓިއެން އިން އެ ކްލަބާއި ގުޅުނު އުމުރުން 19 އަހަރުގެ މެތިސް އަމޯގޯ އެވެ.
ޗެލްސީގެ ފޯވަޑުންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު އެ ޓީމުގެ ޔޫކްރެއިން ފޯވަޑް މިހައިލޯ މުދްރީކް މަނާ ބޭހަށް ޕޮޒިޓިވްވެ އޭނާ ވަނީ ޕްރިވިޝަނަލް ސަސްޕެންޝަނެއްގަ އެވެ.
ޗެލްސީ އާއި ދާދި ފަހުން ގުޅުނު ޕޯޗުގަލްގެ ޖޮއާއޯ ފީލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން އެންމެ ހަ މަސް ދުވަސް ތެރޭ އޭސީ މިލާނަށް ދޫކޮށްލުމާއި ގުޅޭ ގޮތުން މަރެސްކާ ބުނެފައިވަނީ އެއީ މި ވަގުތަށް ފީލިކްސް އަށް އެންމެ ރަގަޅު ގޮތް ކަމަށެވެ.