ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަން ސަސްޕެންޑްކޮށްފިއެވެ.
މިއީ ފީފާއިން ހަތަރު އަހަރު ތެރޭގައި ޕާކިސްތާނު ސަސްޕެންޑްކުރި ދެ ވަނަ ފަހަރެވެ. މި ފަހަރު ސަސްޕެންޑްކުރީ ފީފާއިން ޕާކިސްތާނުގެ ފުޓްބޯޅައިގެ ފެޑަރޭޝަނުގެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހުތައް ކޮންގްރެސްއިން ފާސް ނުކުރުމުންނެވެ.
ފީފާއިން ހުށަހެޅި އިސްލާހުގެ ތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ގެންނަން ޖެހޭ ބަދަލުތަކެވެ. ނަމަވެސް މި ބަދަލުތައް ފާސްކުރަން ޕާކިސްތާނުގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ފީފާއިން ޕާކިސްތާން އެންމެ ފަހުން ސަސްޕެންޑްކުރީ 2021 ވަނަ އަހަރު އެވެ. އެއީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ފެޑަރޭޝަން ހިންގުމުގެ ތެރެއަށް ވަދެ، ފީފާގެ ގަވާއިދުތަކާ ހިލާފުވުމުންނެވެ. މި ސަސްޕެންޝަން 2022 ވަނަ އަހަރުގެ ޖޫން މަހު އުވާލީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަން ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީ އަށް މިނިވަންކަމާއެކު އެ އިދާރާގެ އިދާރީ އަދި މާލީ ކަންކަން ހިންގަން ފެށުނުކަން ޔަގީންކަން ދިނުމުންނެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގައި މިނިވަން އިންތިހާބެއް ބޭއްވުމަށާއި މިނިވަންކަމާއެކު އިދާރީ ގޮތުން ފެޑަރޭޝަނަށް ހިންގާނެ ގޮތެއް ހެދުމަށް ފީފާއިން ގެންނަން ބޭނުންވި ބަދަލުތައް ވަނީ ގެނެވޭގޮތް ނުވެފަ އެވެ.
އަލުން ޕާކިސްތާން ސަސްޕެންޑް ކުރުމުން އެ ގައުމުގެ ގައުމީ ޓީމަށާއި ކުލަބުތަކަށް އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ އެވެ. އަދި ފީފާގެ މާލީ އެހީތެރިކަން ވެސް ހުއްޓުނީ އެވެ.
ފީފާއިން އައްޔަންކޮށްފައިވާ ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް ހާރޫން މާލިކް ވިދާޅުވީ ސަސްޕެންޑްވާން ޖެހުނީ ފީފާ އިން ގެންނަން ބޭނުންވި ބަދަކުތަކަށް ޕާކިސްތާން ފެޑަރޭޝަނަށް އެއްބަސްނުވެވި ހުއްޓުން އެރުމުން ކަމަށެވެ.