ކުޅިވަރު

ބްރެޒިލް އާއި ރެއާލްގެ "އެވަރެއް ނެތް" މާސެލޯ ރިޓަޔާކޮށްފި


ބްރެޒިލް އާއި ރެއާލް މެޑްރިޑުގައި މޮޅަށް ކުޅުނު ފުލްބެކް މާސެލޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 36 އަހަރުގައި އޭނާ ބޫޓު ބޭލިއިރު މާސެލޯ އަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ވާތު ބެކެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ.

މާސެލޯނާ ރެއާލް މެޑްރިޑާ ގުޅުނީ 2007 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ އަށާރަ އަހަރުގަ އެވެ. އެއީ ބްރެޒިލްގް ފުލުމިނޭޒީއިންނެވެ.

އޭނާ ވަނީ ރެއާލްގައި ހޭދަކުރި 15 އަހަރުގައި 25 ތަށި ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ފަސް ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގު އަދި ހަ ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

"އަހަރެންގެ އުމުރުން 18 އަހަރުގައި އަހަރެންގެ ގޭގެ ދޮރުގައި ޓަކި ޖެހީ ރެއާލް މެޑްރިޑުން. ދެން އަހަރެން ދިޔައީ އެ ކުލަބަށް. މިހާރު އަހަރެން ފަހުރުވެރިކަމާއެކު ބުނާނަން އަހަރެންނަކީ ފަހުރުވެރި މެޑްރިޑް މީހެއް ކަމަށް،" ރިޓަޔާ ކުރިކަން އިއުލާނު ކުރުމަށް ސޯޝަލް މީޑިއާ އަށް ދޫކޮށްލި ހާއްސަ މެސެޖްގައި މާސެލޯނާ ބުންޏެވެ.

"ސައްބީސް ސީޒަން ކުޅެ އަހަރެން ވާނީ 25 ތަށި ހޯދާފައި. ފަސް ޗެމްޕިއަންސް ލީގު ހޯދިން. އަހަރެން ކެޕްޓަންކަން ކުރިން. އުފާވެރި އެތައް ރެ އެއް ފާއިތުވި ރެއާލްގެ (ދަނޑު) ބާނަބައުގައި. މިއީ ކޮންކަހަލަ އުފާވެރި ދަތުރެއް. ކުޅުންތެރިއެއްގެ ގޮތުގައި އަހެރެން މި ކުރި ދަތުރު ނިމުމަކަށް އައި ނަމަވެސް އަހަރެން އަދިވެސް ފުޓްބޯޅަ އަށް ކުރަން ހުރި ހިދުމަތްތައް ވަރަށް ގިނަ. ހުރިހާ އެންމެނަށް ވެސް ޝުކުރު އަދާކުރަން،" މާސެލޯ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ކެޕްޓަންކަން މާސެލޯ އަށް ލިބުނީ 2021 ވަނަ އަހަރު އެވެ. އޭނާ ވީ އެ ކުލަބުގެ 117 އަހަރު ތެރޭގައި ސްޕޭނުން ބޭރުން ބޭންޑް އެޅި ފުރަތަމަ ކެޕްޓަނަށެވެ.

މިހެންވެ ރެއާލް މެޑްރިޑްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް ވެސް ވަނީ މާސެލޯ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"މާސެލޯ އަކީ ފުޓްބޯޅަގައި ވެސް މި ކުލަބުގައި ވެސް އެންމެ މޮޅު އެއް ވާތު ބެކް. އެހާ ގިނަ ދުވަހު މި ކުލަބުގައި އޭނާ ހުރީތީވެ އަހަރުމެން ފަހުރުވެރިވަން. މި ކުލަބު އަބަދުވެސް ވާނީ އޭނާގެ ގެ އަށް،" ޕްރޭޒް ބުންޏެވެ.

މާސެލޯނާ ރެއާލް ދޫކޮށްލީ 2022 ވަނަ އަހަރު ގްރީސްގެ އޮލިމްޕިއާކޯސް އަށް ބަދަލުވުމަށެވެ. އެކަމަކު އެންމެ ފަސް މަސް ދުވަހަށްފަހު އެކުލަބާއެކު އޮތް ކޮންޓްރެކްޓް ބާތިލްކޮށްލި އެވެ. އެ އަށް ފަހު އޭނާ ދެން ބަދަލުވީ 2023 ވަނަ އަހަރު ކުޑައިރު ކުޅުނު ފުލުމިނޭޒީ އަށެވެ. ދެ ސީޒަނުގައި އެ ކުލަބަށް 68 މެޗު ކުޅެދިނުމަށްފަހު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ ކޮންޓްރެކްޓް ނުނިމެނީހެވެ.