ދުނިޔެ

އިންޑިޔާ އާއި އެމެރިކާގެ ގުޅުމާމެދު ކަންބޮޑެއްނުވޭ- ޕާކިސްތާނު


އެމެރިކާ އާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުންތަކަކީ އެއާމެދު ޕާކިސްތާނުން ކަންބޮޑުވާންޖެހޭ ގުޅުންތަކެއް ނޫންކަމަށް ޕާކިސްތާނުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ ސަރްތާޖް އަޒީޒް ވިދާޅުވެއްޖެއެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ޚާރިޖީ ކަންކަމުގައި ލަފާއަރުއްވާ މުސްތަޝާރެއްގެ އިތުރުން ނަވާޒް ޝަރީފުގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ސަރްތާޒު އަޒީޒު ވިދާޅުވީ އެމެރިކާއިން އިންޑިޔާއާއި ޕާކިސްތާނާއެކު ގެންގުޅެނީ ތިލަފަތްހަމަ ގުޅުންތަކެއް ކަމަށާ އިންޑިޔާއާއި ޕާކިސްތާނަކީ  އެމެރިކާގެ މަސްލަޙަތަށް މުހިއްމު ދެގައުމު ކަމަށެވެ. ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުތާޖް އަޒީޒު ވިދާޅުވީ އެމެރިކާއިން އިންޑިޔާއާ ގުޅުންތައް ބާއްވަނީ ޕާކިސްތާނަށް ގެއްލުންވާގޮތަށް ނޫންކަމަށާ އަދި ޕާކިސްތާނާ ގުޅުންތައް ބާއްވަނީވެސް އިންޑިޔާއަށް ގެއްލުންވާ ގޮތަށްނޫންކަމަށެވެ. 

ދެކުނު އޭޝިޔާއާއި އިރުމަތީ އޭޝިޔާގެ ކަންކަމުގައި އެމެރިކާއިން އިންޑިޔާއާ މުއާމަލާތްކުރާއިރު މެދުތެރޭ އޭޝިޔާއާއި ހުޅަނގު އޭޝިޔާގެ ކަންކަމުގައި އެމެރިކާ މުއާމަލާތް ކުރަނީ ޕާކިސްތާނާކަމަށް އަޒީޒު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އަޒީޒު ވިދާޅުވީ ޕާކިސްތާނަށް މުހިއްމީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ ސްޓްރެޓީޖިކް ގެޕް އިތުރަށް ބޮޑުނުވާނެ ގޮތެއްގެ މަތިން އެމެރިކާ، އިންޑިޔާއާ މުއާމަލާތް ކުރުންކަމަށެވެ. މިކަން މިގޮތަށް ކުރިޔަށް ދާނަމަ އެމެރިކާއިން އިންޑިޔާއާ ގުޅުންތައް ބަދަހިކުރުމަކީ ޕާކިސްތާނަށް މައްސަލައެއް ނޫންކަމަށާ އަދި އެއީ ޕާކިސްތާން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށްވެސް އަޒީޒު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14675337975565.jpg|ޕާކިސްތާނުގެ އިސްމަސްއޫލުވެރިއެއްކަމަށްވާ ސަރްތާޖް އަޒީޒް

"އަހަރެންނަށް ހީވާގޮތުން އެމެރިކާއިން އިންޑިޔާއާ ގުޅުންތައް ބާއްވަނީ ޕާކިސްތާނަށް ގެއްލުންވާގޮތަކަށްނޫން، އަދި ޕާކިސްތާނާ ގުޅުންތައް ބާއްވަނީވެސް އިންޑިޔާއަށް ގެއްލުންވާ ގޮތަށްނޫން، މިކަން އެމެރިކާ އެތަށްފަހަރަކުވަނީ ޕާކިސްތާނަށް ކަށަވަރުކޮށްދީފާ، އެހެންކަމުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ ސްޓްރެޓީޖިކް ގެޕް އިތުރަށް ބޮޑުނުވާނެ ގޮތެއްގެ މަތިން އެމެރިކާ، އިންޑިޔާއާ މުއާމަލާތް ކުރަމުން ގެންދިޔުމަކީ ޕާކިސްތާން ކަންބޮޑުވާންޖެހޭ ކަމެއްނޫން." އަޒީޒު ވިދާޅުވިއެވެ. 

އެމެރިކާއަކީ ބޮޑު އަދި މުސްތަގިއްލު ގައުމަކަށްވާއިރު އެމެރިކާގެ މަސްލަޙަތު ޙިމާޔަތް ކުރުމުގެ ގޮތުން އެކިދާއިރާތަކުގައި އިންޑިޔާއާ މުއާމަލާތްކޮށް ގުޅުންތައް ބަދަހިކުރަމުން ގެންދިޔުމަކީ ތަބީއީ ކަމެއް ކަމަށާ އެއީ މައްސަލައެއްކަމަށް ޕާކިސްތާނުން ނުދެކޭކަމަށް އަޒީޒު ވިދާޅުވިއެވެ. 

އިންޑިޔާއާއި ޕާކިސްތާނަކީ ނިއުކްލިޔަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ދެގައުމުކަމަށްވާއިރު އެދެގައުމުގެ ދެމެދުގައި ނިއުކްލިޔަރ ހަތިޔާރުގެ ރޭހެއް ނޫނީ ނޫނީ އެކަމުގެ ވާދަވެރިކަމެއް އޮންނަން އެމެރިކާ ބޭނުންނުވާކަންވެސް އަޒީޒު ފާހަގަކުރެއްވިއެވެ. އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އަބަދުވެސް އޮންނަނީ މައްސަލަތައްޖެހޭ އިތުބާރު ކުޑަ  އަދި ނުތަނަވަސްކަން ބޮޑު ގުޅުންތަކެކެވެ. 

img:http://s3.psmnews.mv/images/660x400/14675339036371.jpg|އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް

ދެގައުމުންކުރެ ކޮންމެ ގައުމުވެސް އަނެއް ގައުމަށް އެކިކަންކަމުގައި ތުހުމަތުތައް ކުރަމުންދާއިރު ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނުފަހުން އެދެގައުމު ތިންފަހަރެއްގެ މަތިން ހަނގުރާމަކޮށްފައިވެއެވެ. މީގެތެރެއިން ދެ ހަނގުރާމަ ކޮށްފައިވަނީ އެދެގައުމުގެ ދެމެދުގައި ސަރަހައްދީ އަރާރުން އުފެދިފައިވާ ސަރަހައްދެއްކަމަށްވާ ކަޝްމީރުގެ މައްސަލާގައެވެ. 

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ގުޅުންތައް ގޯސްވާ ދަނޑިވަޅުތަކުގައި މިފަހަކަށް އައިސް އެދެގައުމުގެ ދެމެދުގައި ހަނގުރާމަ ނުހިނގަނީ އެދެގައުމަކީވެސް ނިއުކްލިޔަރ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ދެގައުމު ކަމަށްވާތީ ކަމަށް މުހައްލިލުން ދެކެއެވެ.