އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް 2-0 ގެ ނަތީޖާއަކުން ބަލިވީ މި މުބާރާތުގައި ކުޅޭ ބޯޅައިގެ ސަބަބުން ކަމަށް އާސެނަލްގެ ކޯޗު އާޓޭޓާ ބުނެފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އިތުރުން ރޭ ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މެޗުވެސް ނިއުކާސަލް އިން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ މެޗު ކާމިޔާބުކޮށްފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފައިވަނީ މި މެޗު ކުޅޭ ބޯޅައިގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫވާ ކަމަށެވެ. ނަމަވެސް މި މުބާރާތުގައި ވާދަކުރާ އެހެން އެއްވެސް ކްލަބަކުން ބޯޅައިގެ ޝަކުވާއެއް ކޮށްފައެއް ނުވެއެވެ.
އާޓޭޓާގެ މި ކޮމެންޓާއި ގުޅިގެން އާސެނަލްގެ ސަޕޯޓަރުން ވަނީ ނަތީޖާތައް ނުނެރެވެނީ ބޯޅަ ގޯސްވުމުން ކަމަށްބުނެ އާޓޭޓާ އަށް މަލާމާތް ކޮށްފަ އެވެ.
މީގެ އިތުރުން ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާގައި އައު ކުޅުންތެރިން ހޯދިފައިނުވާތީ އެކަމުގެ ހިތްހަމަނުޖެހުންވެސް އޭނާ ވަނީ މީގެ ކުރިން ފާޅުކޮށްފަ އެވެ.
އާސެނަލް އަށް ރަގަޅު ފޯވަޑެއް ބޭނުންވާކަމަށް އާޓޭޓާ ވަނީ މީގެ ކުރިން އެތަކެއް ފަހަރު މަތިން ބުނެފަ އެވެ. އަދި އެ ކްލަބުން ވަނީ ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގައި އެސްޓަންވިލާގެ އޮލީ ވޮޓްކިންސް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެސްޓަން ވިލާއިން ވަނީ އާސެނަލްގެ ހުށައެޅުމަށް ނޫނެކޭ ބުނެފަ އެވެ.
މި މެޗުން ބަލިވުމާއެކު 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލަށްފަހު އާސެނަލް އަށް ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވިފައެއް ނުވެއެވެ. 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލް އިން ހޯދާފައިވަނީ އާޓޭޓާ އެ ކްލަބުގެ ކޯޗު ކަމާއި ހަވާލުވިތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި ޗެލްސީ 2-1 އިން ބަލިކުރުމަށްފަހުގަ އެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދުމަށްފަހު އާސެނަލް ވަނީ ތިން މުބާރާތުގެ ސެމީ ފައިނަލުގެ ބަލިވެފަ އެވެ. އޭގެ ތެރޭގައި ލީގު ކަޕްގެ ސެމީ ފައިނަލުން ދެ ފަހަރު އަދި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން އެއް ފަހަރު ވަނީ އެ ޓީމު ބަލިވެފަ އެވެ.