ޚަބަރު

އެމްޓީސީސީ ފެރީގެ ޚިދުމަތް ރާއްޖޭގެ 3 ޒޯނެއްގައި ފަށައިފި


އެމްޓީސީސީ ފެރީގެ ޚިދުމަތް ރާއްޖޭގެ 3 ޒޯނެއްގައި މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު ފެރީގެ ޚިދުމަތް ދޭން ފަށާފައިވަނީ ޒޯން 1،2 އަދި ޒޯން 6 ގައެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އެ ކުންފުންޏަށް ފެރީގެ ޚިދުމަތް ފެށުމަށް ހުއްދަދީފައިވަނީ، ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ އަތޮޅުގައިކަމަށެވެ. މީގެ އިތުރުން ޒޯން ދޭއްގައި ހިމެނޭ ނ އަތޮޅާއި ރ.އަތޮޅު އަދި ބ.އަތޮޅާއި ޅ.އަތޮޅުގެ ރަށްތަކުގެ އިތުރުން ޒޯން ހައެއްގައި ހިމެނޭ ގއ، ގދ.ގެ ރަށްތަކުގައިކަމަށެވެ. އެ ކުންފުނިން މިހާރުވެސް ޒޯން ތިނެއް އަދި ފަހެއްގައި ފެރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

މިއަދު 3 ޒޯނެއްގައި މި ޚިދުމަތް ފެށުމާއެކު އެމްޓީސީސީން ފެރީ ދަތުރުކުރާ ރަށްތަކުގެ އަދަދު ވަނީ 168 އަށް އަރާފައެވެ. އެ ކުންފުނިން ބުނީ އަލަށް ފެރީގެ ދަތުރުތައް ފެށި ތިން ސަރަޙައްދާއެކު ރާއްޖޭގެ ދެ ޒޯނެއް ފިޔަވައި ހުރިހާ ޒޯންތަކެއްގައި އެ ކުންފުނީގެ ފެރީގެ ނިޒާމު ގުޅާލެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ފެރީގެ ޚިދުމަތް އަދި ފަށާފައި ނުވަނީ ޒޯން 4ގައި ހިމެނޭ ފ. އަދި ދ. އަތޮޅުގެ ރަށްތަކާއި ޒޯން ހަތެއްގައި ހިމެނޭ އައްޑު އަތޮޅާއި ފުވައްމުލަކުގައެވެ. އެމްޓީސީސީން ބުނީ އަލަށް ފެށި ރަށްތަކުގައިވެސް ޓިކެޓް ވިއްކާނީ އަތޮޅުތެރޭގައި ދަތުރެއްނަމަ 22 ރުފިޔާއަށްކަމަށެވެ. އަދި އަތޮޅުން ބޭރު ދަތުރެއްނަމަ 53 ރުފިޔާއަށްކަމަށެވެ.