ޚަބަރު

އައްޑުއާއި ފުވައްމުލަކުގެ ބަސްދަތުރުތައް މި މަހުގެ 13 ގައި ފަށަނީ


އައްޑުއާއި ފުވައްމުލަކުގައި ބަސްދަތުރުގެ ޚިދުމަތް މިމަހުގެ 13 ވާ ބުދަދުވަހު ފެށުމަށް އެމްޕީއެލުން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެއަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ޙަވާލުކުރައްވާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެޚިދުމަތް ދިނުމަށް ރާއްޖެ ގެނެސްފައިވާ ބަސްތަކުގެ ތެރެއިން 4 ބަސް މިއަދު ވަނީ އައްޑުއަށް ގެންގޮސްފައެވެ. އަދި މިޚިދުމަތް ފެށުމަށް ސ. ފޭދޫގައި އަޅާ ވަގުތީ ޓާރމިނަލްގެ ބިންގާ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު މިއަދު ވަނީ އަޅުއްވައިދެއްވާފައެވެ.

ވަގުތީ ޓާރމިނަލްގެ ބިންގާ އަޅައިދެއްވުމަށްފަހު ޖުނައިދު ވިދާޅުވީ ޚިދުމަތަށް އެމްޕީއެލުން ގެނެސްފައިވާ 13 ބަހަކީ އޭސީކޮށް ޓީވީގެ ޚިދުމަތްވެސް ލިބޭ ޒަމާނީ ބަސްތަކެއް ކަމަށެވެ.

އެމްޕީއެލުން އައްޑުއާއި ފުވައްމުލަކުގައި ޚިދުމަތްދިނުމަށް ގެނެސްފައިވަނީ 50 މީހުންގެ ޖާގައިގެ 8 ބަހާއި 30 މީހުންގެ ޖާގައިގެ 4 ބަހެވެ. އެކުންފުނިން މި 13 ބަސް ރާއްޖެ ގެނެސްފައި ވަނީ ޖުމްލަ 800،000 ޑޮލަރު ޚަރަދުކޮށްގެންނެވެ.