ޚަބަރު

ޖެނުއަރީ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މަައްސަލަ: ފުލުހުން


  • އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަ

  • ޖެނުއަރީ މަހު ފުލުހުންނަށް ޖުމްލަ 980 މައްސަލަ ހުށަހަޅާފައިވޭ

މި ނިމުނު ޖެނުއަރީ މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ޖުމްލަ 980 މައްސަލަ ހުށަހަޅާފައިވެއެވެ. މިދިޔަ އަހަރާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ޖުމްލަ 1199 މައްސަލަ ހުށަހަޅާފައިވެއެވެ.

ޖެނުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން ވައްކަމުގެ 273 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ޖެނުއަރީ މަހު 2 ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޓެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން 231 ޓްރެފިކް އެކްސިޓެންޓުތަކުގެ މައްސަލަ ހުށަހަޅާފައިވެއެވެ.

ޓްރެފިކް އެކްސިޓެންޓުތަކުގެ މައްސަލަތަކަށްފަހު ތިންވަނައަށް އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 137 މައްސަލަ ހުށަހަޅާފައިވެއެވެ.

ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 273 މައްސަލަ
• މަގުމަތީ އެކްސިޑެންޓްތަކުގެ 231 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 137 މައްސަލަ
• އެއްޗެހި ގެއްލިގެން 92 މައްސަލަ
• އަނިޔާ ކުރުމުގެ 64 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 67 މައްސަލަ
• މަކަރާއި ހީލަތް ހެދުމުގެ 46 މައްސަލަ
• ފޭރުމުގެ 27 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ
• ގެވެށި އަނިޔާގެ 13 މައްސަލަ
• ފޯޖް ކުރުމުގެ 11 މައްސަލަ

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ގޭގެއަށް ޑޯޓުޑޯ ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.