 
										
			އިނގިރޭސި ޕްރިމިއާ ލީގުގައި މެޗަކުން މޮޅުނުވެ ހަތަރު މެޗު ކުޅުމަށްފަހު ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވެއްޖެ އެވެ. 
މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވިއިރު 24 މެޗުން އެ ޓީމަށް ލިބިފައިވާ 27 ޕޮއިންޓާއެކު ވަނީ ތާވަލުގެ 14 ވަނަ އަށް އަރާފަ އެވެ. އަދި މި މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގަ އެވެ. 
ބްރެންޓްފޯޑްގެ ދަނޑުގައި ސަތާރަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ މެޗުގެ 29 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބުނު ކޯނަރެއް ސޮން ހިއުން މިން ފޮނުވާލި ވަގުތު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބްރެންޓްފޯޑްގެ ވައިޓަލީ ޖަނެލްޓް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. 
މި މެޗުގައި ޓޮޓްނަމް އިން ޖެހި ދެވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕާޕޭ މަޓަރް ސާ މެޗގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިން ލަނޑެކެވެ. 
މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވި ނަމަވެސް މެޗު ބަލަން ދަނޑަށް ވަދެތިބި އެ ކްލަބުގެ ސަޕޯޓަރުން ވަނީ މެޗު ފެށުނީއްސުރެ އެ ކްލަބުގެ ޗެއަރމަން ޑެނިއަލް ލެވީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. 
އެ ކްލަބަށް މި ސީޒަނުގައި ލިބެމުންދާ ދަށް ނަތީޖާތަކުގެ ޒިންމާ ސަޕޯޓަރުން އަޅުވަނީ ޗެއަރމަން ލެވީގެ ބޮލުގަ އެވެ. އަދި އެ ކްލަބަކީ ލީގުގެ 14 ވަނައިގައި އޮންނަން ޖެހޭ ފަދަ ޓީމެއް ނޫން ކަމަށްވެސް ސަޕޯޓަރުން ވަނީ ގޮވާލާފަ އެވެ. 
ނަމަވެސް ޓޮޓްނަމް ހޮޓްސްޕަރ ގެ ކޯޗު ޕޮސްޓެކޮގްލޫ ބުނެފައިވަނީ އެ ޓީމަށް މި ސީޒަނުގައި ކުރިމަތިވެފައިވާ މައްސަލައަކީ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވުން ކަމަށެވެ. އެ ޓީމުން 9 ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. 
ޓޮޓްނަމް އަށް ކުރިއަށް އޮތް މެޗަކީ ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗެވެ. 
2001 ވަނަ އަހަރުން ފެށިގެން ޓޮޓްނަމް ހޮޓްސްޕަރ ގެ ޗެއަރމަނަކަށް ލެވީ ހުރިއިރު ފައިތުވެދިޔަ ދިގު މުއްދަތުގައި އެ ޓީމަށް ހޯދިފައިވާ ހަމައެކަނި ތަށްޓަކީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ.