ޚަބަރު

އިމާރާތްކުރުމާގުޅޭ ޤަވާއިދުތައް އިސްލާހުކުރުމަށް ކޮންސްޓްރަކްޝަން އެސޯސިއޭޝަނާއެކު މަޝްވަރާކޮށްފި


  • އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް މަޝްވަރާކޮށްފަވޭ

  • ވުޒާރާގެ ފަރާތުން ސިލްސިލާ ބައްދަލުވުންތައް ބާއްވާ

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރަތްތަކާއި ގުޅޭ ޤަވާއިދުތައް އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާ މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން، ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާ ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަކީ، އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާއި ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދާ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ބައްދަލުވުމުގައި ވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، ގަވާއިދަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރުންގެ ޚިޔާލު ހޯދާފައެވެ. އަދި މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ ފަރާތުން ފާހަގަކުރާގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ކޮންސްޓްރަކްޝަންއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ސިނާއަތެވެ. ޢުމްރާނީ ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި އެއްފަހަރާ ހިންގަމުން އަންނައިރު، މި ދާއިރާގެ އޫސުލުތަކާއި ޤަވައިދުތައް އަދި ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.