ކުޅިވަރު

އެސޯސިއޭޝަންތައް ހަރުދަނާ ވެގެންދާނީ ގުޅުން ރަނގަޅުވެގެން: ޠަލާލު


ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި އެސޯސިއޭޝަންތަކާ އޮންނަން ޖެހޭ ގުޅުން ހީނަރުވުމާއި ގުޅުން ނެތިގެން ދިޔުމުގެ ސަބަބުން ބައެއް ކަންކަމުގައި ދަތިތައް ކުރިމަތިވާކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠަލާލު ވިދާޅުވީ ހިންގުން ހަރުދަނާ ވެގެންދާނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި އެސޯސިއޭޝަންތަކާއި މެދު އޮންނަ ގުޅުން ރަނގަޅުވެގެން ކަމަށެވެ.

ޠަލާލު ވިދާޅުވީ އެކަމުގެ ސަބަބުން އެސޯސިއޭޝަންތަކަށް ކުރިޔަށްދާންވީ މަގު އެހާ ސާފުނުވާކަން ފާހަގަކުރެވުނު ކަމަށާއި އެހެންނަމަވެސް މުސްތަގްބަލުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ޠަލާލު ވިދާޅުވީ މަޤާމާ ހަވާލުވުމަށްފަހު އެންމެ ބޮޑަށް ބެއްލެވީ އެސޯސިއޭޝަންތަކާއި އެކު އޮންނަ ގުޅުން ރަނގަޅުކޮށް ހަމަ މަގަށް އެޅުވުމަށްޓަކައި ދޭންޖެހޭ އިރުޝާދުތައް ދެއްވުމަށް ކަމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ މަގާމާ ހަވާލުވެ ވަކިވަކި އެސޯސިއޭޝަންތަކާއި ވަކިން ބައްދަލުކުރިން، އެ އެސޯސިއޭޝަންތަކުގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑު އަޑުއެހިން، އަޑުއަހާފަ ދެން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އެސޯސިއޭޝަންގެ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށް ދިޔަ" ޠަލާލު ވިދާޅުވިއެވެ.

ސިލްސިލާކޮށް ކުރިން ބޭއްވުނު ބައްދަލުވުންތަކުގެ އައު ބުރެއް އަނެއްކާ މިއަހަރު ތެރޭގައި ވެސް ފައްޓަވާނެ ކަމަށް ޠަލާލު ވިދާޅުވިއެވެ. މި ބައްދަލުވުންތަކަށް އެންމެ ބޮޑަށް ބައްލަވާނީ މިހާރު އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން އިތުރަށް ކުރެވިދާނެ ނުވަތަ ކުރެވޭނެ ކަމަށް އެސޯސިއޭޝަންތަކުން އުންމީދު ކުރަމުންދާ ކަންތައްތަކާއި ގުޅޭ ގޮތުން ކަމަށް ޠަލާލު ވިދާޅުވިއެވެ.

"މަޤާމު ހަވާލުވިއިރު ބައެއް އެސޯސިއޭޝަންތަކުގައި ހުރި ދަތިތަކެއް، ބައެއް އެސޯސިއޭޝިއަންތަކުގެ އިންތިހާބު ބޭއްވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފަ އޮތް، އިންތިހާބު ނުބޭއްވި އެތަކެއް ދުވަހެއް ވެސް ވެފަ އެބަހުރި" ޠަލާލު ވިދާޅުވިއެވެ.

އެންމެ ބޮޑަށް ބެއްލެވީ ޤާނޫނީ ގޮތުން އެސޯސިއޭޝަނަތަކުން ކުރަން ހުރިކަންކަން ފުރިހަމަކުރުން ކަމުގައި ޠަލާލު ވިދާޅުވިއެވެ. އެ މައްސަލަތަކަށް ހައްލު ހޯދުމަށް ފަހު އެސޯސިއޭޝަންތަކުގެ ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިޔަށްދާނެ މަގެއް ދެއްކުމަށް މަސައްކަތް ކުރެވުނު ކަމަށް ޠަލާލު ވިދާޅުވިއެވެ.

މިހާތަނަށް އެސޯސިއޭޝަންތަކުން ސްޕޯޓްސް ކޮމިޝަނުން ދޭ ލަފަޔާއި އިރުޝާދު ގަބޫލުކޮށް އެކަމަށް އަމަލުކުރަމުންދާ ކަމަށްވެސް ޠަލާލު ވިދާޅުވިއެވެ.