ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އޯޕަން ޑަބަލްސް ޗެމްޕިއަންކަން އިބްރާހިމް ލިފާއު އާއި ހަސަން ލަތީފުގެ ޕެއާ ހޯދައިފިއެވެ.
މުބާރާތުގެ އޯޕަން ޑަބަލްސް ޗެމްޕިއަންކަން ލަތީފް އާއި ލިފާއުގެ ޕެއާ ހޯދީ މާލޭ ކެރަމް ހޯލްގައި ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި ކުޅުނު އޯޕަން ޑަބަލްސް ފައިނަލުގައި ފަހަތުން އަރައި 2-1 ސެޓުން އަހުމަދު ހާމިދު އާއި އަފީފުއްނިސާގެ ޕެއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ހާމިދު އާއި އަފީފުއްނިސާގެ ޕެއާ ކުރިހޯދީ 25-16 އިންނެވެ. ދެވަނަ ސެޓުގައި 24-21 އިން، އަދި ފަހު ސެޓުގައި ފަސޭހަކަމާ އެކު 24-5 ތަފާތު ބޮޑު ނަތީޖާއަކުން ލިފާއު އާއި ލަތީފުގެ ޕެއާ ވަނީ ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ޑަބަލްސް އޯޕަންގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗު ކާމިޔާބުކުރީ އަބްދުﷲ އިސްމާއިލް އާއި އިބްރާހިމް މޫސާގެ ޕެއާއެވެ. މި ޕެއާ މެޗު ކާމިޔާބުކުރީ އިބްރާހިމް މުޙައްމަދު އާއި އާމިރުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް
އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެޓަރަންސް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް މުބާރާތުގެ މެއިން ސްޕޮންސަރުގެ ފަރާތުން ޢުމްރާ ދަތުރެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ވަނީ ބުނެފައެވެ.
އޯޕަން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ މެޗުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މާލެ ކެރަމް ހޯލުގައެވެ.