ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ވަޒީރުގެ މިދަތުރުފުޅަކީ ސަޢުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ޕްރިންސް ފައިސަލްގެ އިތުރުން ސަޢުދީ ސަރުކާރުގެ އިސްބައެއް ފަރާތްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ މަޝްވަރާތައް ކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭން އިޤްތިޞާދީގޮތުން އިސްކަންދެއްވާ ކަންކަމާއި ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ސަޢުދީ ސަރުކާރުގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ.
ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި ސަޢުދީގެ ރިޔާދު އަދި މަދީނާއި އުޅޭ ދިވެހިންނާއި ކިޔަވާކުދިންނާ ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން ރިޔާޒުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓަށް ވަޑައިގެން ސަޢުދީގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް، ޚާއްސަކޮށް ޙައްޖާއި އުމްރާއަށް އެހީތެރިވުމުގެ އިތުރުން ދޭދޭ ޤައުމުގެ ގުޅުމާއި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ މިޝަންގެ ގާތް އެއްބާރުލުމުގެ މުހިންމުކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.