ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ވޮލްވްސް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ފުލުން ވޮލްވްސް ސަލާމަތް ވެއްޖެ އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ވޮލްވްސް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައަށް ޖެހިލާފަ އެވެ. އެސްޓަން ވިލާއަށް 24 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.
ވޮލްވްސް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ވޮލްވްސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ޖޯން-ރިކްނާ ބެލެގާޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ވޮލްވްސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެތިއުސް ކޫނިޔާ އެވެ.
މި މެޗުން އެސްޓަން ވިލާ 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޖޫން ދުރާން ވަނީ ދާދި ފަހުން ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވެފަ އެވެ. އަދި އެ ޓީމުގެ ފޯވަޑް އޮލީ ވޮޓްކިންސް ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރި ނަމަވެސް އޭނާ ނުވިއްކާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި މެޗުގައި ވޮލްވްސް އަށް ދެވަނަ ލަނޑު ޖެހި ބްރެޒިލްގެ މެތިއުސް ކޫނިއާ ހޯދުމަށް ކްލަބްތަކުން މަސައްކަތް ކުރަމުންދަނިކޮށް މި މެޗު ނިމުނުތާ ގިނައިރުތަކެއް ނުވަނީސް އޭނާ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމަށް ވަނީ ހަތަރު އަހަރާއި ބައި އިތުރުކޮށްފަ އެވެ.