ޚަބަރު

ވުޑްގެ ހެޓްރިކާއެކު ނޮޓިންހަމް މޮޅުވެ އާސެނަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ދެވަނައިގައި އޮތް އާސެނަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.

މި މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވުމާއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން 47 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމުގަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށްވެސް 47 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ކުޅެފައިވަނީ 23 މެޗެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 22 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ބްރައިޓަން އަށް 24 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.

ނޮޓިންހަމް ފޮރެސްޓުގެ ދަނޑުގައި ކުޅުނު މި މެޗަށް ނިކުތްއިރު މި ސީޒަނުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުންދާ ނޮޓީންހަމް ފޮރެސްޓް ވަނީ މިދިޔަ ހަފްތާގައި ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ނަމަވެސް މިރޭގެ މެޗު ފެށުނީއްސުރެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ނޮޓިންހަމް ފޮރެސްޓް އިން ވަނީ ބްރައިޓަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ނޫނޯ އެސްޕިރިޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނޮޓިންހަމް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނިޓުގައި މޯގަން ގިބްސް-ވައިޓް އަރިމަތިން ނަގައިދިން ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބްރައިޓަންގެ ލެވިސް ޑަންކު އަތުން ބައިކޮޅަށް ވަދެފައިވާ ގޯލުންނެވެ.

މެޗުގެ 25 ވަނަ މިނިޓުގައި ފޮރެސްޓަށް ލިބުނު ކޯނަރަކުން މޯގަން ގިބްސް-ވައިޓް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 32 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ބްރައިޓަން އަށް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ ކާމިޔާބުވާ ގޮތެއް ނުވެފަ އެވެ. އެގޮތުން ޑެނީ ވެލްބެކް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައިވާއިރު ޔަންކޫބާ މިންޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ފޮރެސްޓުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 19 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ 5 މިނިޓު ފަހުން ނޮޓިންހަމް ފޮރެސްޓަށް ލިބުނު ޕެނަލްޓީ އަކުން ވުޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މިއީ މި ސީޒަނުގައި ކްރިސް ވުޑް ޖެހި 17 ވަނަ ލަނޑެވެ. އަދި މިއީ އެއް ސީޒަނެއްގައި އޭނާއަށް އެންމެ ގިނައިން ލަނޑު ޖެހިފައިވާ ފަހަރުވެސްމެ އެވެ.

ނޮޓިންހަމް ފޮރެސްޓް އިން މި މެޗުގައި ޖެހި ހަވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޯ ވިލިއަމްސް އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ބްރައިޓަންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖޮޓާ ސިލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ބްރައިޓަންގެ ކީޕަރަށް ޖައްސާލި ބޯޅައެއް ސާފުކޮށްލަން އޭނާ ކުރިއަށް ޖައްސާލި ވަގުތު އެ ބޯޅަ ޖޮޓާ އަށް ލިބުމުން އޭނާ ވަނީ އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.