ޚަބަރު

ހައްދުންމަތީ ބޮޑުމަގު އަންނަ އޮގަސްޓްމަހު ރަސްމީގޮތުން ހުޅުވަނީ


އަތޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ލ. އަތޮޅުގައި ކުރިއަށް ގެންދަވާ ހައްދުންމަތީ ބޮޑު މަގު ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުމުގެ މަޝްރޫޢެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 30 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢު މިހާރު މިވަނީ ނިމުމަކާ ހިސާބަށް ގޮސްފައެވެ. އަންނަ އޮގަސްޓް މަހަކީ މަގުގެ މަސައްކަތް ކުރިއަށްގެންދާ ޗައިނާގެ ކުންފުނިން، މި މަސައްކަތް ނިންމައި ސަރުކާރާ ޙަވާލުކުރަން ކަނޑައެޅިފައިވާ މަހެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިހާރު މިވަނީ މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ލަފާކުރެވިފައެވެ.

img:http://s4.psmnews.mv/images/660x400/14674777120097.jpg|ހައްދުންމަތީ ބޮޑު މަގުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢަމަލީ މަސައްކަތް ފަށައިގަތުމަށްފަހު، މަސައްކަތުގެ ކޮންޓްރެކްޓަރ ޖިއާންޒޫ ޕްރޮވިންޝިއަލް ޓްރާންޕޮޓޭޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުން، ވަނީ ކަނޑައެޅިފައިވާ ތަރީޚަށް މަސައްކަތް ނިންމުމަށް ވަރަށް ބުރަކޮށް ބަރު ސްޕީޑްގައި މަސައްކަތްކޮށްފައެވެ.

މަގުގެ ކާނުތައް ހެދުމާއި، މަގު އެއްވަރުކުރުމުގެ މަސައްކަތް  2015 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. އަދި 2015 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި ވަނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

ތާރުގެ މަސައްކަތަކީ ވަރަށް ބޮޑަށް މޫސުމަށް ބަލައިގެން ކުރަންޖެހޭ ކަމަކަށްވެފައި، މިއަހަރު ކުރީކޮޅު ރާއްޖޭގެ ދެކުނަށް ކުރި ވިއްސާރައިގެ ސަބަބުން، ތާރުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިކަމަށް ކޮންޓްރެކްޓަރާ ޙަވާލާދީ ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ނިޔަލަށް ވަނީ ތާރުގެ މަސައްކަތްތައްވެސް މުޅިން ނިންމާލާފައެވެ.

img:http://s2.psmnews.mv/images/660x400/14674776177405.jpg|ހައްދުންމަތީ ބޮޑު މަގު- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ވެރިކަން ކުރާ ރަށް، ފޮނަދޫން ފެށިގެން، ކައްދޫ ސިކަންދަރު ވައިގެ މަރުކަޒާއި، މަސް ފެކްޓްރީއެއް ހިންގަމުން އަންނަ މާންދޫ އަދި ލ.އަތޮޅުގެ އެންމެ އާބާދީބޮޑު ރަށްކަމުގައިވާ ގަމާ ދެމެދު ޒަމާނީ ފެންވަރަށް ތާރު އެޅައިގެން ހަދާފައިވާ މަގާއެކު، ލ.އަތޮޅުގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. ތަރައްޤީގެ ރޮނގުން ކުރަމުން އައި ހުވަފެންތައް ޙަޤީޤަތަކަށް ވަމުން އަންނަކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. 

ހައްދުންމަތީ ބޮޑު މަގުގައި މިހާރު ވަނީ މަގުމަތީގެ ނިޝާންތައް ހަރުކޮށް، މަގުގައި ކުރަހަންޖެހޭ މަގުމަތީގެ ނިޝާންތައް ވެސް ކުރަހާފައެވެ. މިހާރު ކުރިއަށްދަނީ މަގުގެ މެދުގައި ބައްތިޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށްފަހު، މަގު ރަސްމީކޮށް ހުޅުވުމަށް އޮގަސްޓް މަހުގެ ތެރޭގައި ބޮޑު ޖަލްސާއެއް ލ. އަތޮޅުގައި ބޭއްވެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.