ސިއްހަތު

އައިޖީއެމްއެޗް އީ-ޕޯޓަލުން މިހާރު އާއިލާ މީހުންނަށް އެޕޮއިންޓުމަންޓު ހަދައިދީ، ލެބް ރިޕޯޓުތައް ބަލާލެވޭނެ


  • މި ޚިދުމަތް މެދުވެރިކޮށް ހުރިހާ މެޑިކަލް ރެކޯޑްތަކެއް ޑިޖިޓަލްކޮށް ބަލާލެވޭ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އީ-ޕޯޓަލް މެދުވެރިކޮށް މިހާރު ގާތްތިމާގެ މީހުންނާއި އަދި ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދެއްވުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބަލާލެވޭނެ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ އީ-ޕޯޓަލް ޚިދުމަތް ފަށާފައިވަނީ 2021ވަނަ އަހަރުއެވެ. މި ޚިދުމަތް މެދުވެރިކޮށް ހުރިހާ މެޑިކަލް ރެކޯޑްތަކެއް ޑިޖިޓަލްކޮށް ބަލާލެވެއެވެ.
އަދި މި ޕޯޓަލު މެދުވެރިކޮށް ބަލިމީހުންނަށް އެޕޮއިންޓްމަންޓް ހެދުމާއި، ބޭސް ސިޓީއާއި ލެބް ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލާލެވެއެވެ.

އީ-ޕޯޓަލުން މިހާތަނަށް ސިއްޚީ ލިޔެކިޔުންތައް ބަލާލެވެނީ ލޮގިންވާ ފަރާތުގެ އެކަންޏެވެ. އެހެންނަމަވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށްޓަކައި މިހާރު ވަނީ ގާތްތިމާގެ މީހުންނާއި އަދި ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެދުމާއި، ލެބް ރިޕޯޓުތައް އަދި މެޑިކަލް ރިކޯޑުތައް ބަލާލެވޭނެ ގޮތް ހަމަޖައްސާފައެވެ.

އައިޖީއެމްއެޗަކީ ގިނަ ޢަދަދެއްގެ ބަޔަކު ސިއްހީ ޚިދުމަތަށް ބަރޯސާވާ ސަރުކާރުގެ މައި ހޮސްޕިޓަލެވެ. މިއާ އެކު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމަށް އައިޖީއެމްއެޗުން ހާއްސަ އިސްކަމެއް ދެއްވައެވެ.