ދަނޑުވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިން ހައްދާ ތަކެތި މާކެޓު ކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމުތައް ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަމުންނެވެ.
މި ތަމްރީން ޕްރޮގްރާމުގައިވަނީ ދަނޑުވެރިންނަށް އެމީހުން ހައްދާތަކެތި މާކެޓުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ދަށުންނެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީނުތަކުގެ މަޤްސަދަކީ ކާމިޔާބު ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށޭނެ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ދިނުމާއި، މާލީ ރެކޯޑު ބެލެހެއްޓުމާއި ފަސޭހަކަމާއިއެކު ވިޔަޔަފާރީގެ ހުށަހެޅުންތައް އެކުލަވާލަން ދަސްކޮށްދިނުމެވެ. އަދި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން މާކެޓިންގ އައިޑިއާތަކާއި މާރުކޭޓު މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް އެ ވުޒާރާއިން ވިދާޅުވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 12 ރަށެއްގައި ކާމިޔާބު ކަމާއިއެކު މި ޕްރޮގްރާމްވަނީ ހިންގާފައެވެ. އެގޮތުން މިހާރު ފަށައިގެން އުޅެނީ މި ޕްރޮގްރާމްގެ ދެވަނަ ބުރެވެ. އެގޮތުން އެންމެ ފަހުން މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހދ. ނޮޅިވަރަމްފަރު އަދި ށ. ފޭދޫގައިއެވެ. މި ތަމްރީނު ޕްރޮގްރާމްގައި 40އަށް ވުރެއް ގިނަ ދަނޑުވެރިން ވަނީ ބައިވެރިވެފައެވެ.
މިމަހުވެސް އެކި ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ މި މަހު 3 ގައި ހދ. ހަނިމާދޫގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި އަމާޒަށް ވާސިލްކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނދުވެރިކަން ކުރަމުންއަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ތަމްރީން ޕްރޮގްރާމްތައްދަނީ ބާއްވަމުންނެވެ.