ޚަބަރު

ޔަހޫދީން މަނާކުރި ނަމަވެސް އުންރުވާ ޣައްޒާގައި ހަރަކާތްތެރިވަނީ


ޒަޔަނިސްޓު އިސްރާއީލާއި ޔަހޫދީންގެ އަޅުވެތި ކޮށްފައިވާ ބިންތަކުގައި ހަރަކާތްތެރިވުން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)އަށް މަނާކޮށްފައިވީ ނަމަވެސް، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މެދުކަނޑައިލާފައި ނުވާނެ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި ހަރަކާތްތެރިވުން އުންރުވާއަށް މަނާ ކޮށްފައި ވަނީ ޒަޔަނިސްޓު ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފައިވާ ޤާނޫނެއްގެ ދަށުންނެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފައިވާ ޤާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 30ވަނަ ދުވަހުއެވެ. އެ ޤާނޫނުގެ ދަށުން ޒަޔަނިސްޓު ސަރުކާރުން ވަނީ އުންރުވާއާ ގުޅުން ކަނޑައިލާފައެވެ. އަދި، އިސްރާއީލުގެ ބިންތަކުގެ އިތުރުން ޔަހޫދީންގެ އަޅުވެތި ކޮށްފައިވާ އިރުމަތީ ޤުދުސްގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވުން ވެސް އެ އިދާރާއަށް އޮތީ މަނާކޮށްފައެވެ.

ނަމަވެސް، އުންރުވާއިން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް މެދުކަނޑައިލާފައި ނުވާނެ ކަމުގައެވެ. އަދި، އެ އިދާރާއާ ދެކޮޅަށް ފާސްކޮށް، އަމަލު ކުރަން ފަށާފައިވާ ޤާނޫނަކީ އެ އިދާރާގެ މުވައްޒަފުންނާ މެދު އޮތް ނަފުރަތެއްގެ ސަބަބުން ފާސް ކޮށްފައިވާ ޤަރާރެއް ކަމަށް އެ އިދާރާއިން ސިފަ ކުރިއެވެ.

ޔަހޫދީންގެ ޤާނޫނާ އެކު ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި، އެތަކެއް ސަތޭކަ ހާސް ބަޔަކަށް ނިކަމެތިކަން ގެނުވާނެ ކަމަށް އިންޒާރު ކޮށް، އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ވަނީ ޔަހޫދީންގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެން މި ދަނީ ޚިދުމަތްތައް ފޯރުކޮށްދެމުން،" އުންރުވާގެ ތަރުޖަމާނު ޖޫލިޔެޓު ތޫމާ ވިދާޅުވިއެވެ.

"ޣައްޒާގެ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ވިލަރެސް ކުރަނީ އުންރުވާއިން. ޣައްޒާގައި އުންރުވާގެ ބައިނަލްއަޤުވާމީ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން، އަދި އަޅުގަނޑުމެން މި ދަނީ ލޮރީތަކުގައި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން."

ތޫމާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލައިފި ނަމަ، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުން ރޫޅުމުގެ ފުރުޞަތު ބޮޑުވާނެ ކަމުގައެވެ. "އުންރުވާގެ ޚިދުމަތްތަކަށް ހުރަސް އަޅައިފި ނަމަ، ޣައްޒާގައި އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ރޫޅުމުގެ ފުރުޞަތު ބޮޑުވާނެ،" އޭނާ އިންޒާރު ކުރެއްވިއެވެ.