ޚަބަރު

ރޯދަމަހަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ރަނގަޅުމަހެއް


ރޯދަމަހަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އަޒުމުކަނޑައަޅައިގެން މަސައްކަތްކުރުން ރަނގަޅު މައްސަރެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށްޓަކައި ރަމަޟާންމަހުގެ ތެރޭގައި ޢަޒުމުކަނޑައަޅައިގެން ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށް، ދުންފަތުގެ އިސްތިޢުމާލްކުރުން ހުއްޓާލުމަށް އެހީތެރިވެދެއްވާ ދަމަނަވެށިން ހާމަކުރައްވައެވެ.

ރޯދަމަހަކީ ސިގެރެޓް ބުއިން އާދަވެފައިވާ މީހުންނަށް ސިގެރޭޓް ބުއިމާއި ދުރަށްދިއުމަށް ވަރަށް ރަނގަޅު މައްސަރަކަށް ވެގެންދާނެއެވެ. ސަބަބަކީ ރޯދަމަހުގައި ގިނަވަގުތު ހޭދަކުރަނީ ކެއިންބުއިމާ ދުރުގައިކަމަށް ވާތީއެވެ. އަދި ސިގެރޭޓްވެސް ޢާންމު މަސްތަކުގައި ބޭނުންކުރާ ވަރަށްވުރެ ރޯދަމަހު ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރަމޟާންމަހު ސިގެރޭޓް ބުއިން ހުއްޓާލުމަށް މަސައްކަތް ކުރާކަމުގައި ވަނީނަމަ، މި މަހުގައި ސިގެރޭޓް ބުއިން ހުއްޓާލުމަށްޓަކައި އެކަމަށް މީހާ ތައްޔާރުވެ، ޢަޒުމު ކަނޑައަޅަންވާނެއެވެ. އަދި ސިގެރޭޓް ބުއިމާ ދުރުހެލިވާނެފަދަ ކޮންމެވެސް ކަމަކާއެކު މަސްއޫލުވެ، އުޅުމަކީ ސިގެރޭޓް ބުއިމާ ދުރުވުމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެއްކަމަށް ތަޖުރިބާކާރުން ލަފާދެއްވައެވެ. މީގެ އިތުރަށް ސިގެރޭޓް ބޭނުންކުރުން ހުއްޓާލަން ބޭނުންވާކަމުގެ މަޢުލޫމާތު ޢާއިލާގެ މީހުންނާއި ރައްޓެހިންނާ ޙިއްޞާކޮށް، އެމީހުންގެ އެހީތެރިކަން ހޯދުމަކީވެސް މިކަމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. 

ސިގެރޭޓް ބުއިމާ މީހުން ދުރުހެލިކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާ އެއްތަނަކީ ދަމަނަވެށްޓެވެ. އެތާގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ. ޢާއިޝަތު އަރޫނާ ވިދާޅުވީ ރަމަޟާންމަހުގެ އެއްވަނަ ދުވަހު ސިގެރެޓް ބުއިން ހުއްޓާލުމަށް ގިނަމީހުން ޢަޒުމު ކަނޑައަޅާކަމަށެވެ. އަދި ގިނައަދަދެއްގެ މީހުން ރޯދަމަހު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއްކަމަށްވެސް ޑރ. އަރޫނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. އަރޫނާ ވިދާޅުވީ ރޯދަމަހު ދިމާވާ ގޭސްޓްރިކް މައްސަލައާއި ބަނޑުގައި ރިހުން ފަދަ މައްސަލަތައް، ސިނގެރޭޓް ބޭނުންކުރާމީހުންނަށް، އެނޫން މީހުންނަށްވުރެ ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މި ފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވުމަކީ މުހިންމުކަމެއްކަން ޑރ. އަރޫނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހެއްގެ ކިބައިގައިވެސް  ދުންފަތުގެ ސަބަބުން ދިމާވާ ކޮންމެ ވެސް މައްސަލައެއް ހުންނާނެކަމަށް ޑރ. އަރޫނާ ވިދާޅުވިއެވެ. އެގޮތުން ގޭސްޓްރިކް މައްސަލަ އާއި އަރިދަފުސް ރޯގާ ޖެހުމުން ގިނަދުވަސް ނެގުމާއި ކެއްސުމުގެ އިތުރުން ނޭވާހިއްލުން ފަދަ ބަލިތައް ހިމެނެއެވެ.

"ސިގެރޭޓް ބުއިމަކީ ސްޓްރެސް ހުންނަކަމެއް. މިކަން އެނގިގެންދާނީ ސިގެރޭޓް ބުއިން ހުއްޓާލުމުން އެނގިގެންދޭ ސްޓްރެސް މަދުކަން." ޑރ. އަރޫނާ ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ދުންފަތް ކޮންޓްރޯލްކުރުމަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކުލިނިކެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. ދަމަނަވެށީގައި ހުންނަ މި ކުލިނިކުން ދުންފަތް ކޮންޓްރޯލްކުރުމަށް ބޭނުންވާ މީހުންނަށް ކައުންސެލިންގެ ޚިދުމަތް ދެއްވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމަށް ޑރ. އަރޫނާ ވިދާޅުވިއެވެ.

ދަމަނަވެށީގައި ހުންނަ "ދުންފަތްގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވާ" ކްލިނިކުން، މިއަހަރު މިހާތަނަށް ގާތްގަޑަކަށް 9 ފަރާތަކުން ޚިދުމަތް ހޯދާފައިވެއެވެ. ނިމިދިޔަ އަހަރު އެ ކުލިނިކުން މިޚިދުމަތް 21 ފަރާތަކުން ހޯދާފައިވާކަމަށްވެސް ދަމަނަވެށިން ހާމަކުރައްވައެވެ. ދުންފަތް ކޮންޓްރޯލްކުރުމަށާއި ހުއްޓާލުމަށް އެހީތެރިވާ ކުލިނިކުން މިހާތަނަށް ޚިދުމަތް ހޯދި ފަރާތްތަކުގެ ތެރެއިން 17 މީހުން ދުންފަތުގެ އިސްތިޢުމާލްކުރުން ހުއްޓާލާފައިވެއެވެ.

ދަމަނަވެށީގައި މި ޚިދުމަތް ޤާއިމްކުރައްވާފައިވަނީ މިދިޔައަހަރުއެވެ. ސަރުކާރުން ގެންދަވަނީ މިޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރައްވަމުންނެވެ.