އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހިނގި އެކްސިޑެންޓުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގާތް ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މި ހިތްދަތި ދަނޑިވަޅުގައި ދިވެހިން ތިބީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Shocked and saddned by the news of tragic air accident in Washington DC.
— Dr Mohamed Muizzu (@MMuizzu) January 31, 2025
My deepest condolences to the families and loved ones of the victims.
Our thoughts are with @POTUS Trump and the people of the United States.
އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކުރައްވާފައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގަން ވޮޝިންގޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އައި އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތައް އެއާޕޯޓު ކައިރީގައި އޮންނަ ޕޮޓޯމެކް ކޯރަށް ވެއްޓިފައިވާއިރު އެމެރިކަން އެއާލައިންސްއިން ބުނީ، ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ދަތުރުކުރަމުންދިޔަ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެ ބޯޓުގައި ޖެހުނު ހެލިކޮޕްޓަރުގައި ސިފައިންގެ ތިން މީހުން ތިބި ކަމަށެވެ.
މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. މަތިންދާބޯޓާއި ހެލިކޮޕްޓަރު ޖެހުނު ވަގުތު ވައިގެ ތެރޭގައި ބޮޑު ގޮވުމެއް ގޮވައި، ރޯވެފައި އޮތް މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓެންދާ ބައެއް ވީޑިއޯތައް ވަނީ އާންމުވެފައެވެ.