ޚަބަރު

ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހުސައިން ފަޔާޒް


  • މި ޕްރޮމޯޝަން ހުޅުވާލީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި

  • މި ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް

ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

ސްޕީޑް ބޯޓް ލިބޭ ފަރާތް ހޮވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ހުސައިން ފަޔާޒްއެވެ.

"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެކުންފުނިން އިފްތިތާހް ކުރި ހަރަކާތެކެވެ.

ދިރާގުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާމިޔާބީއަށްފަހު، "ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަންއިން 32ގެ ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުއެވެ.

މި ޕްރޮމޯޝަން ހުޅުވާލީ ދިރާގުގެ ޚިދުމަތް މިހާރު ބޭނުން ކުރަމުންދާ ޕްރިޕެއިޑް، ޕޯސްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރިވެވޭގޮތަށެވެ. އެގޮތުން ޕްރިޕެއިޑް ޕްލޭންތަކަށް 400ރ. ނުވަތަ އެއަށްވުރެ މަތިން ރީޗާޖު ކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ލިމިޓެއްނެތް ފައިބާ 40 އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭގޮތަށް ހުޅުވާލިއެވެ.

ޕްރޮމޯޝަންގައި ޕޯޓަލް މެދުވެރިކޮށް އެންރޯލް ކުރެވޭގޮތަށް އޮތްއިރު ކޮންމެ ކަސްޓަމަރަކަށް ވެސް އެފަރާތެއްގެ ޝަރުތު ހަމަވާ ހުރިހާ ނަންބަރެއް އެންރޯލް ކުރެވެއެވެ.

އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑް ބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ބޭއްވި ފޯރިގަދަ އިވެންޓުގައި އެކުއެޓިކް ވައިބްސްގެ ހުށަހެޅުންތައްވަނީ ފެނިގެންގޮސްފައެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ނެކްސިޔާއާއި ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ.