މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން 70އެއްހާ ރެފިއުޖީން އިންޑޮނީޝިޔާގެ އަޗޭ ޕުރޮވިންސަށް ދަތުރު ކޮށްފިއެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އެހެން ޤައުމުތަކަށް ދަތުރު ކުރަމުން ދަނީ، އެ މީހުންގެ ނަސްލުހޭދު ކުރުމަށް އެ ޤައުމުގެ ސަރުކާރާއި އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. އަޗޭއަށް އެންމެ ފަހުން ދަތުރު ކޮށްފައިވާ މީހުންނަކީ ވެސް މިޔަންމާގެ އަސްކަރިއްޔާގެ ވަކިތަކުން ސަލާމަތްވުމަށް ދަތުރު ކޮށްފައިވާ ބަޔެކެވެ.
ރޮހިންޔާ ދަރިކޮޅުގެ 70އެއްހާ މީހުން އަޗޭ ޕުރޮވިންސުގެ އިރުމަތީގައި އޮތް ޕެއުރެއުލާ ސަރަޙައްދަށް ދަތުރު ކޮށްފައިވާ ކަން ހާމަ ކުރައްވާފައި ވަނީ އެ ސަރަޙައްދުގެ ފުލުހުންގެ ވެރިޔާ ނޯވާ ސުރިޔަންދިޔަރޫއެވެ. އޭގެ ތެރޭގައި 40 ފިރިހެނުންނާއި، 32 އަންހެނުންގެ އިތުރުން ހަތަރު ކުޑަކުދިން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ މީހުން ދަތުރު ކޮށްފައި ވަނީ ލަކުޑިން ބަނދެފައިވާ ބޯޓެއްގައެވެ.
ޕެއުރެއުލާ ސަރަޙައްދުގެ އައްސޭރިފަށަށް ގާތްކޮށް، އުޅަނދުގައި ތިބި ރެފިއުޖީން އެއްގަމަށް ފޭބުމަށް މަސައްކަތް ކުރުމުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. ނަމަވެސް، އިރުއޮއްސުނު ފަހުން އުޅަނދުގައި ތިބި ރެފިއުޖީންނަށް އެއްގަމަށް ފޭބުމުގެ ފުރުޞަތު ދީފައިވާ ކަމުގައި ސުރިޔަންދިޔަރޫ ވިދާޅުވިއެވެ.
"އެ މީހުން [ރޮހިންޔާ ރެފިއުޖީން] ވަނީ ގަސްދުގައި އުޅަނދަށް ގެއްލުން ދީފައި. އެހެންވެ، އަޅުގަނޑުމެން އެ ސަރަޙައްދުގެ ރައްޔިތުންނަށް ވިސްނައިދިނިން، އެ އުޅަނދަށް އަލުން ދަތުރަށް ފެށުމަކީ ކުރެވޭނެ ކަމެއް ނޫން ކަން،" އޭނާ ވިދާޅުވިއެވެ. އެ އުޅަނދުގައި ދަތުރު ކުރި ރެފިއުޖީން މި ވަގުތު ތިބީ ވަގުތީ ހިޔާތަކުގައެވެ.
މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރުން އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2017ވަނަ އަހަރުއެވެ. އެ ޖަރީމާތަކުގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު މަރައިލާފައިވާއިރު، މިޔަންމާގެ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ރެފިއުޖީން ދަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރަމުންނެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު ހިޖުރަ ކޮށްފައި ވަނީ ބަންގްލަދޭޝަށެވެ.
އިންޑޮނީޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ރޮހިންޔާ ދަރިކޮޅުގެ 200އެއްހާ ރެފިއުޖީން އަޗޭގެ އިރުމަތީގައި އޮތް ސަރަޙައްދުތަކަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ. ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރު)ން ބުނީ، 2023ވަނަ އަހަރު 2,000އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން އިންޑޮނީޝިޔާއަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ. އެއީ، އޭގެ ކުރީ ހަތަރު އަހަރުގެ ޖުމުލަ ތަފާސްހިސާބުތަކާ އަޅައިބަލާއިރު އިތުރު އަދަދެއް ކަމުގައި ޔޫއެންއެޗްސީއާރުން ހާމަކުރިއެވެ.