ޚަބަރު

މޮޅަދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއިއެކު ސޮއިކޮށްފި


  • އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ

  • ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް

ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފެވެ. މޮޅަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާދެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.