ޚަބަރު

ލިއޯންގެ ކޯޗަކަށް ފޮންސޭކާ


ފްރެންޗް ލީގުގެ ކްލަބް އޮލިމްޕިކް ލިއޯންގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ޕައުލޯ ފޮންސޭކާ ހަމަޖެއްސުމަށް ނިންމާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

ލިއޯން އިން ކޯޗެއް ހޯދަން ފަށާފައިވަނީ ކުރިން އެމަގާމުގައި ހުރި ޕިއާ ސޭޖް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކި ކުރުމަށްފަހުގަ އެވެ. އޭނާ ކޯޗު ކަމުން ވަކިކޮށްފައިވަނީ ހުރިހާ މުބާރާތެއްގައި އެ ކްލަބު އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފައި ނުވާތީ އެވެ. އަދި ފްރެންޗް ކަޕްގައި އެ ގައުމުގެ ފަސްވަނަ ޑިވިޝަނުގައި އޮތް ކްލަބެއް އަތުން ބަލިވެ ލިއޯން ވަނީ އެ މުބާރާތުންވެސް ކަޓާފަ އެވެ.

އޭސީ މިލާނުން ފޮންސޭކާ އާއިއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޑިސެމްބަރ މަހުގ އުވާލާފައިވަނީ އޭނާ އެ ކްލަބުގެ ކޯޗު ކަމާއި ހަވާލުވިތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.

ޕޯޗުގަލްގެ ފޮންސޭކާ ވަނީ މީގެ ކުރިން ފްރެންޗް ލީގުގެ ކްލަބް ލިލް އަށް ކޯޗު ކޮށްދީފަ އެވެ. އޭގެ އިތުރުން އިޓަލީގެ ރޯމާ އާއި ޕޯޗުގަލްގެ ޕޯޓޯ އާއި އެ ގައުމުގެ ބްރާޚާގެ އިތުރުން ޔުކްރޭންގެ ޝާޚުތާރު ޑޮނެސްކަށް ވެސް އޭނާ ވަނީ ކޯޗު ކޮށްދީފަ އެވެ.

ފޮންސޭކާގެ ކޯޗިން ހަޔާތުގައި އޭނާ ވަނީ ޝާޚުތާރު ޑޮނެސްކަށް 2017 އަދި 2019 ވަނަ އަހަރުގެ ޔުކްރޭންގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 16-2015 ވަނަ އަހަރުގެ ޕޯޗުގީޒް ކަޕް ބްރާޚާ އަށް ކާމިޔާބުކޮށްދިންއިރު އޭނާގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރުގެ ސުޕަރ ކަޕް ޕޯޓޯ އިން ވަނީ ކާމިޔާބުކޮށްފަ އެވެ.

ލިއޯން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ބަލްގޭރިޔާގެ ލުޑޮގޮރެޓްސް އާއި ދެކޮޅަށެވެ.