ޚަބަރު

ޗައިނާގެ އައު އަހަރުގެ ތަހްނިޔާ ނައިބު ރައީސް ފޮނުއްވައިފި


  • ޗައިނާގެ އައު އަހަރަކީ ފިނި މޫސުން ނިމި ބަހާރު މޫސުމާއި ދިމާކޮށް އެޤައުމުން ފާހަގަކުރާ ދުވަހެއް

  • ފެށިގެންދިޔަ އައުއަހަރަކީ ދެޤައުމަށްވެސް އުފާފާގަތި ދުވަސްތަކަކަށް ނައިބު ރައީސްވަނީ އެދިވަޑައިގަންނަވާފައި

ޗައިނާގެ އައު އަހަރުގެ ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ޗައިނާގެ ނައިބު ރައީސް ހަން ޒެންގއަށް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ނައިބު ރައީސް ހިއްސާ ކުރެއްވި ތަހުނިޔާގެ މެސެޖުގައިވަނީ ޗައިނާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށްވެސް އައު އަހަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

އަދި މިފެށުނު އައު އަހަރަކީ ރާއްޖެއާއި ޗައިނާގެ ގުޅުން އެކިދާއިރާތަކުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާ އަހަރެއްކަމުގައިވުމަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުން ތަރައްޤީއާއި ކުރިއެރުމާއި، އުފާ ފާގަތިކަން ރައްޔިތުންނަށް ލިބިގެންދާނެ އަހަރެއް ކަމަށް އުއްމީދުކުރައްވާކަމަށްވެސް ނައިބު ރައީސް މެސެޖްގައި ވިދާޅުވިއެވެ.

ޗައިނާގެ އައު އަހަރު ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.