ޗައިނާގެ ޝަންހާއީއަށް މޯލްޑިވިއަނުން ފެށި ޝެޑިއުލް ދަތުރުތަކުގެ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައިއްސިއެވެ. މި ފްލައިޓް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނުއެވެ.
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ޗައިނާގެ ޝަންހާއީއަށް ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީއިން ރާއްޖެއަށް އައި ފްލައިޓްގައި 243 ފަތުރުވެރިން ވަނީ އައިސްފައެވެ.
ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮއްސައެވެ. އެގޮތުން ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއި ރަތް ފިނިފެންމަލުން ވަނީ މަރުޙަބާ ކިޔާފައެވެ.
މޯލްޑިވިއަނުން ޗައިނާގެ 3 މަންޒިލަކަށް މިހާރު ދަނީ ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އެ ޤައުމުން ރާއްޖެއަށް މިހާތަނަށް 23000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ސަރުކާރުން ވިދާޅުވީ، މޯލްޑިވިއަނުން ޗައިނާއަށް މި ފެށި ދަތުރުތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް އަހަރެއްގެ މައްޗަށް 40000 ފަތުރުވެރިން ގެނެވޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.