ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންޑިއާއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރި ޖީ. ބަލަސުބްރަމަނިއަމްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ޤައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރާ ޖަމާއަތްތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރެވިދާނެ ވަސިލަތްތައް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފުޑް ސެކިއުރިޓީ އާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބަައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާން ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި އިންޑިއާއިން އުފައްދާ ބާއްވަތްތައް ގިނައެވެ.