ލިވަޕޫލަށް މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ޖަހައިދޭ ފަދަ ގޯލުތަކާއި ދައްކާ ކުޅުމަށް ބަލާއިރު ޗެލްސީގައި އެކަން ކުރެވޭނެ މީހަކީ ޒުވާން ފޯވަޑް ކޯލް ޕަލްމާ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެކްސްކާ ބުނެފި އެވެ.
ސަލާހްގެ ގޯލުތަކާއެކު ލިވަޕޫލް މި ވަގުތު އޮތީ ބޮޑު ލީޑަކާއެކު ތާވަލުގެ އެއްވަނާގަ އެވެ. ލިވަޕޫލަށް 53 ޕޮއިންޓް ލިބިފައިވާއިރު 40 ޕޮއިންޓާއެކު ޗެލްސީ އޮތީ ހަ ވަނާގަ އެވެ. ޗެލްސީ ޕްރެމިއާ ލީގުގައި މޮޅުނުވެ ދިޔަ ފަސް މެޗަށް ފަހު ވުލްވުސް އަތުން މޮޅުވެ އެކަން ނިމުމަކަށް ގެނައީ ޕަލްމާގެ މޮޅު ކުޅުމާއެކުގަ އެވެ.
މެޗަށް ފަހު މަރެސްކާ ބުނީ އުމުރުން 22 އަހަރުގެ ފޯވަޑް އަންނަނީ ދުވަހެއް ދުވަހަކަށް މޮޅުވަމުން ކަމަށެވެ.
"އޭނާގެ ކުޅުން އަންނަނީ މޮޅުވަމުން. އެކަމަކު އެއީ ގޯލު ޖެހުމާއި ގޯލު ޖެހުމަށް މަގު ފަހި ކުރުމުގަ އެއް ނޫން. ވުލްވުސް މެޗުގެ ފަހު ހާފަކީ އަހަރެންގެ ކޯޗުކަމުގައި ޗެލްސީ އެންމެ މޮޅަށް ކުޅުނު ފަހަރު. މި މެޗުގައި ޕަލްމާ ވަނީ މޮޅަށް ކުޅެފައި،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ޓީމެއްގެ މޮޅުކަން ފެންނާނީ އެ ޓީމެއްގެ ލީޑަރު މޮޅަށް ކުޅެގެން ކަމަށެވެ.
"ލިވަޕޫލަށް ބަލާއިރު ސަލާހް އަބަދުވެސް ތަފާތުވާނެ. އޭނާ ބޯޅަ އަށް ޑިމާންޑްކުރާނެ. ޓީމު ރަނގަޅަށް ނުކުޅުނަސް އޭނާ ފަހަތަށް ފައިބައިގެން ވެސް ބޯޅަ ހޯދާނެ. އެޓޭކް އުފައްދާނެ. ގޯލު ޖަހާނެ. އާސެނަލް އަށް ބަލާއިރު މާޓިން އޮޑެގާޑަކީ އެފަދަ ކުޅުންތެރިއެއް. އަހަރުމެން ޓީމުގައި އެ މަގާމު އަދާކުރެވޭނެ މީހަކަށް ހުރީ ޕަލްމާ. ވުލްވުސް މެޗުގައި އޭނާ ވަނީ އޭނާގެ ޝަހުސިއްޔަތާއި ލީޑަރޝިޕް ދައްކައިދީފައި. ދެން ޖެހޭނީ އެކަން ކޮންމެ މެޗެއްގައި ވެސް ދަމަހައްޓަން،" ކޯޗު ބުންޏެވެ.
މި ސީޒަނުގައި ސަލާހް ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި 23 ގޯލު ޖަހައިފަ އެވެ. މިއާ ހިލާފަށް ޕަލްމާ އަށް ޖެހިފައިވަނީ 14 ގޯލެވެ.
މަރެސްކާ ބުނީ ޒުވާން ޓީމަކާއެކު ޗެލްސީ މި ސީޒަނުގައި ނެރެމުންދާ ނަތީޖާތަކާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ލީގު ނިމޭއިރު ޓީމު އޮންނަ ހިސާބުން ވަރަށް ގިނަ ކަންކަން ބަދަލުވާނެ ކަމަށެވެ.