ފަލަސްޠީނުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޒަޔަނިސްޓު އިސްރާއީލަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާއިން އަލުން ފަށައިފިއެވެ. ޔަހޫދީންނަށް 900 ކިލޯގެ ބޮން ފޮނުވުން މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. އެ ނިންމުން ބަދަލު ކުރައްވާފައި މި ވަނީ ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕެވެ.
"އަޅުގަނޑުމެން އެ ތަކެތި [ބޮންތައް] ދޫކޮށްފިން. އެތަކެތި ދޫކޮށްފައި ވަނީ މިއަދު. އެ ތަކެތި އެ މީހުންނަށް [ޔަހޫދީންނަށް] ލިބޭނެ،"އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
2023 އޮކްޓޫބަރު 7ން މި އަހަރުގެ ޖަނަވަރީ 19އާ ދެމެދު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާއެވެ. އަދި، އެންމެ ބޮޑު މަދަދުގާރަކީ ރައީސް ބައިޑަނެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައި ވަނީ ބައިޑަން މެދުކެނޑުމެއް ނެތި ފޯރުކޮށްދެއްވަމުން ގެންދެވި ނުރައްކާތެރި، އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެންނެވެ. ޔަހޫދީންގެ ޢުދުވާނުގައި 46,913 މީހުން ޝަހީދު ކޮށްލާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 110,750އަށް އުފުލިފައެވެ.
2,000 ޕައުންޑު ނުވަތަ 907 ކިލޯގެ ފަނާކުރަނިވި ބޮންތައް ޔަހޫދީންނަށް ފޯރުކޮށްދިނުން މެދުކަނޑައިލަން ބައިޑަން ނިންމަވާފައި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުން ދިޔުމާއި، ޔަހޫދީންގެ ޤަތުލުޢާންމުގައި އެމެރިކާއިން ބައިވެރިވަމުން ދިޔުމާ ގުޅިގެން ނުރުހުން ފާޅުކުރުން އިތުރުވުމާ ގުޅިގެންނެވެ.
"އަޅުގަނޑުމެން އެ ތަކެތި [ބޮންތައް] ދޫކޮށްފިން. އެތަކެތި ދޫކޮށްފައި ވަނީ މިއަދު. އެ ތަކެތި އެ މީހުންނަށް [ޔަހޫދީންނަށް] ލިބޭނެ. އެއީ، އެ މީހުން ފައިސާ ދައްކާފައިވާ އެއްޗެއް، އެ ތަކެތީގެ އިންތިޒާރުގައި އެ މީހުން ތިބޭތާ ގިނަ ދުވަސްތަކެއް ފާއިތުވެއްޖެ. އެ ތަކެތި ހުރީ ގުދަން ކޮށްފައި،" ޓްރަމްޕް ވިދާޅުވިއެވެ.
900 ކިލޯގެ ބޮމަކީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެކެވެ. ޔަހޫދީން އެ ހަތިޔާރު ބޭނުން ކޮށްފައި ވަނީ، ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅެމުން ދިޔަ ބޮޑެތި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލުމަށެވެ. އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ވަނީ ނަގައިލާފައެވެ. ޝަހީދު ކޮށްލާފައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ.
ޔަހޫދީން އޯޑަރުކޮށް ފައިސާ ދައްކާފައިވާ ގިނަ އަދަދެއްގެ ތަކެތި އެ މީހުންނަށް ފޯރުކޮށްނުދީ ހިފަހައްޓާފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެ ނިންމުމާ ގުޅިގެން ބައިޑަނާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި ޓްރަމްޕް ވަނީ އެ ތަކެތި ޔަހޫދީންނަށް ރައްދު ކޮށްދެއްވުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. ބައިޑަންގެ އިތުރުން ޓްރަމްޕަކީ ވެސް ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ފޫގަޅުއްވައިގެން ހުންނެވި ބޭފުޅެކެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތް ނަމަވެސް، ސުލްޙައިގެ އެއްބަސްވުމަށް ޔަހޫދީން އިޙުތިރާމު ކުރާނީ ކިހާ ދުވަހަކަށް ކަމާ މެދު މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއްބަސްވުން އުވައިލެވޭނެ ގޮތްތައް ހޯދުމަށް ޔަހޫދީން މިހާރު ވެސް ދަނީ ބަހަނާތައް ދައްކަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލަން އަލުން ފެށުމަށް ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ ކެތްމަދުވެފައެވެ.