ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށާއި، ގަވަރނަރ ޖެނެރަލަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
އެ މަނިކުފާނު ވަނީ، ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވި.
On #AustraliaDay 🇦🇺, I express my sincere greetings to Governor General Sam Mostyn, Prime Minister @AlboMP, and the friendly people of Australia. The Maldives deeply cherishes our long-standing friendship and Australia's continuous assistance and cooperation. I am confident that…
— Dr Mohamed Muizzu (@MMuizzu) January 26, 2025
މީގެއިތުރުން، އެ މަނިކުފާނު ވަނީ ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ފާގަތިކަމަށާއި، އޮސްޓްރޭލިއާގެ ރައްޔިތުންގެ ސުލްޙަވެރިކަމާއި، ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައެވެ.
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.