ޚަބަރު

އެމްބާޕޭގެ ފުރަތަމަ ހެޓްރިކާއެކު ރެއާލަށް މުހިންމު މޮޅެއް


ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ވަޔަޑޮލިޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ހެދި ހެޓްރިކާއެކު 3-0ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުން އެ ޓީމު މޮޅުވުމާއެކު އެ ޓީމަށް ވަނީ ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. މިހާތަނަށް ކުޅުނު 21 މެޗުން ރެއާލް މެޑްރިޑަށް 49 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އަދި ވާދަވެރި ބާސެލޯނާއަށް 20 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 30 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ވަޔަޑޮލިޑްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑަކީ ޖޫޑް ބެލިންހަމް ނަގައިދިން ހުރަހަކުން އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ރޮޑްރިގޯ ދިން ބޯޅައަކުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ. މި ލަނޑާއެކު މިއީ އެމްބާޕޭ ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އޭނާގެ ފުރަތަމަ ހެޓްރިކެވެ. އަދި އޭނާ ވަނީ މި ސީޒަނުގައި ލަލީގާގައި 15 ލަނޑު ޖަހާފަ އެވެ. އޭނާއަށްވުރެ ގިނައިން ލީގުގައި ލަނޑު ޖަހާފައިވާ ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވަނީ 16 ލަނޑު ޖަހާފަ އެވެ.