ޚަބަރު

އިސާކްގެ ދެ ލަނޑާއެކު ފަހަތުން އަރާ ނިއުކާސަލް މޮޅުވެއްޖެ


ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ރޭ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ނިއުކާސަލް މޮޅުވެ ތާވަލުގެ ފަސްވަނަ މަގާމް ހޯދައިފި އެވެ.

މިނަތީޖާ އާއިއެކު ނިއުކާސަލް ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ ލިބިފަ އެވެ. ސައުތެމްޓަން އަށް 23 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.

ސައުތެމްޓަންގެ ދަނޑުގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ސައުތެމްޓަންގެ ޖެން ބެޑްނަރެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 16 މިނިޓު ފަހުން ނިއުކާސަލް އަށް ލިބުނު ޕެނަލްޓީ އަކުން އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ޕެނަލްޓީ އަކީ އޭރިޔާ ތެރެއިން އިސާކް އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީ އެކެވެ.

އަދި އޭގެ 14 މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް ނިއުކާސަލް އަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ނިއުކާސަލް 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތްއިރު އެ ޓީމަށް ވަނީ ފުރަތަމަ ހާފުގައިވެސް އިތުރު ލަނޑު ތަކެއް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ނިއުކާސަލްގެ ސެންޑްރޯ ޓޮނާލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗަށްފަހު ނިއުކާސަލްގެ ކޯޗު ހޯވޭ ބުނެފައިވަނީ މިދިޔަ ހަފްތާގައި ބޯންމަތު އަތުން 4-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ކުޅުންތެރިންނަށް އަދިވެސް ވަރުބަލިކަމުގެ އިހުސާސް ކުރަން ޖެހިފައިވާ ކަމަށެވެ.

މި މެޗުގައި ނިއުކާސަލް އަށް ދެ ލަނޑު ޖަހައިދިން އެލެކްޒެންޑަރ އިސާކް ވަނީ މި ސީޒަނުގައި 17 ގޯލު ޖަހާފަ އެވެ. އޭނާއަށްވުރެ ގިނައިން މި ސީޒަނުގައި ޕްރިމިއާ ލީގުގައި ލަނޑު ޖަހާފައިވަނީ 19 ލަނޑު ޖަހާފައިވާ ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާ އާއި 18 ލަނޑު ޖަހާފައިވާ މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑު އެވެ.