އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލިޔާން ޗޯބޭގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަ މަހު ހުށަހެޅުމަށް އެގައުމުގެ ވިއްސައްވުރެ ގިނަ ސްޓޭޓް އެސޯސިއޭޝަންތަކުން ނިންމައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ހަބަރުދޭ ގޮތުގައި އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޅުމަށް ތައްޔާރުވަމުން އަންނަނީ ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ މެންބަރުންގެ ތާއީދާވެސް އެކުގައެވެ.
އެސޯސިއޭޝަންތަކުން ބޭނުންވަނީ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ބޭއްވުމަށެވެ. އެފަދަ ބައްދަލުވުމެއް އޭއައިއެފްއެފްގެ މެންބަރުންގެ ތިން ބައި ކުޅަ އެއްބައި މެންބަރުން ބޭނުންވެއްޖެ ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށް އަސާސީ ގަވާއިދު ބުނެއެވެ. އަދި އާންމުކޮށް އަމަލުކުރަމުންދާގޮތުން އެފަދަ ބައްދަލުވުމެއްގައި ފީފާގެ އޮބްޒާވަރުންނާއި އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) ގެ އޮބްޒާވަރުންވެސް ބައިވެރިވާން ޖެހެއެވެ.
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގައި 36 ސްޓޭޓް އެސޯޝިއަންގެ މެންބަރުން ހިމެނެއެވެ. އޭގެ ތެރެއިން ޓެމިލްނާޑޫ އާއި ޖައްމު އެންޑް ކަޝްމީރަށް ވޯޓުލުމުގެ ހައްގެއް ނޯވެއެވެ.
އުމުރުން 48 އަހަރުގެ ޗޯބޭއަކީ އިންޑިއާގެ އެންމެ މަތީ ފަންތީގެ ކުލަބުތަކަށް 14 އަހަރު ކުޅެފައިވާ ގޯލް ކީޕަރެކެވެ. އޭނާ އޭއައިއެފްއެފްގެ ރައީސްކަމާއި ހަވާލުވީ ސެޕްޓެމްބަރު 2022 ގައި އިންޑިއާގެ ކުރީގެ ކެޕްޓަން ބައިޗަން ބުޓިއާ އާއި ވާދަކޮށް އިންތިހާބު ކާމިޔާބު ކޮށްގެންނެވެ.
ޗޯބޭ އާއި މެދު އެސޯސިއޭޝަންތަކުން ނުރުހޭއިރު އެންމެބޮޑަށް އެކަން ފާހަގަވީ ހާއްސަކޮށް އޭއައިއެފްއެފްގެ ސެކެއްޓްރީ ޖެނެރަލް ސާޖީ ޕްރަބާކަރަން ނޮވެމްބަރު 2023 ގައި މަގާމުން ވަކިކުރިފަހުންނެވެ. ޕްރަބާކަރަންއަކީ ފީފާގެ ކުރީގެ އޮފިޝަލެކެވެ. ޕްރަބާކަރަން މަގާމުން ވަކިކުރުމުގައި ޗޯބޭ އޭއައިއެފްއެފްގެ ސުލޫކީ މިންގަނޑުތަކާއި ކަމާގުޅޭ ގަވާއިދުތަކާއި ހިލާފުވެފައިވާކަމަށް ބުނެ އޭނާ ވަނީ އޭއައިއެފްއެފްގެ އެތިކްސް ކޮމިޓީ އާއި އޭއެފްސީ އާއި ފީފާއަށްވެސް އެ މައްސަލަ ހުށަހަޅާފައެވެ.
ޕްރަބާކަން ވަކިކުރުމުގެ އިތުރުން ފިރިހެން ގައުމީ ޓީމުގެ ކޯޗު އިގީ ސްޓިމަކް މަގާމުން ވަކިކުރުމުން ބަދަލުގެ ގޮތުގައި އޭއައިއެފްއެފްއިން 400،000 އެމެރިކާ ޑޮލަރު ދޭން ޖެހުނު މައްސަލައަކީ ޗޯބޭއާއި މެދު އިތުބާރު ގެއްލުނު އެއް ސަބަބެވެ. އަދި ފެޑެރޭޝަންގެ މަގާމުތަކަށް ޗޯބޭ މީހުން އައްޔަން ކުރާ ގޮތާމެދުވެސް އެސޯސިއޭޝަންތަކުން ހިތްހަމައެއް ނުޖެހެއެވެ.
2024 ގައި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު އެއްވެސް މެޗަކުން މޮޅުވެފައިނުވާއިރު މިދިޔަ އަހަރު ޖެނުއަރީގައި އިންޑިއާ އޮތީ ރޭންކިންގެ 102 ވަނައިގައެވެ. ނަމަވެސް ޑިސެމްބަރުގައިވަނީ 126 ވަނައަށް ވެއްޓިފައެވެ. ސީނިއަރ އަންހެން ޓީމަށްވެސް މިދިޔަ އަހަރަކީ ބަދުނަސީބު އަހަރެކެވެ. އެގޮތުން ސާފްޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން އިންޑިއާ ވަނީ ބަލިވެފައެވެ.