ހއ.ދިއްދޫގައި ޢިމާރަތްކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ސްރަކްޗަރގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ މަރުކަޒުގެ ޤުއްބު ބަހައްޓާވެސް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށް ދަނީ އެ މަރުކަޒު ޒީނަތްތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެެވެ. ދެ ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތުގެ އަދާހަމަ. pic.twitter.com/7j7ljkWFXV
— Ministry of Islamic Affairs (@MVIaffairs) January 26, 2025
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ.
މި މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.