ޚަބަރު

އެޕްރީލުގެ ނިޔަލަށް ނިލަންދޫ ބިންހިއްކައި ނިމޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ދީފި


  • ނިލަންދޫ ބިން ހިއްކަނީ އެއަރޕޯޓް ތަރައްޤީކުރުމަށް

  • އެއަރޕޯޓް ތަރައްޤީކުރަނީ ޖެޓް ޖެއްސޭ ފެންވަރަށް

ކޮންޓްރެކްޓްކޮށްފައިވަ މުއްދަތާއެއްގޮތަށް އެޕްރީލުގެ ނިޔަލަށް ފ. ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިންމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.

ނިލަންދެއަތޮޅު އުތުރުބުރި ނުވަތަ ފ. އަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އެމްޓީސީސީން ވިދާޅުވީ ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް %24 މަސައްކަތް ވަނީ ނިމިފައެވެ. އެ ކުންފުނިން ވިދާޅުވީ ކޮންޓްރެކްޓް ކޮށްފައިވާގޮތަށް އަންނަ އެޕްރިލު މަހުގެ ނިޔަލަށް މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ނިލަންދޫ އެއަރޕޯޓަކީ މި ދަޢުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ އެއަރޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. ރައީސް ވިދާޅުވީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށެވެ.

ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން ރަށެވެ. އެރަށުގައި މިވަގުތު ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އިތުރަށް ތަރައްޤީކުރުމާއި ގިރާ ސަރަޙައްދުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.