ޚަބަރު

ރައީސްގެ ރ.އަތޮޅު ދަތުރުފުޅަކީ ރައްޔިތުންނަށް އުފާވެރިކަމާއި އުއްމީދު ގެނުވި ދަތުރުފުޅެއް: ވަޒީރު ޝިޔާމް


  • ވަޒީރު ޝިޔާމް ވިދާޅުވީ މިއީ އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެއްކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ރައްޔިތުންނަށް އުފާވެރިކަމާއި އުއްމީދު ގެނުވި ދަތުރުފުޅެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެއަތޮޅުގެ 11 ރަށަކަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.

ރައީސްގެ މިދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިދަތުރުފުޅުވެސް ވެގެން މިދިޔައީ އެއަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އަދި ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފެށިގެންދިޔަ ދަތުރަކަށްކަމަށެވެ. އަދި މިއީ އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމު ވިދާޅުވީ ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުންކަމަށާއި، ވަކިން ޚާއްޞަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރެއްވި ދަތުރުފުޅެކެވެ.