ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާމެދު ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މެޓުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުރުތުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:15 އިން 17:00 އަށެވެ. މެޓުން ވިދާޅުވީ މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭމެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.