ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއް ހުރި ޤައުމެއްގައި ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ދެވޭނީ ފަންނިއްޔާތު މެދުވެރިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ތަޢުލީމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިނަލްއަޤްވަމީ ތަޢުލީމުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި ފަންނިޔާތު މި ދައިރާގައި ބޭނުން ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އުފެދިފައިވާގޮތުން ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނީ ފަންނިއްޔާތުގެ ޒަރިއްޔާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އޭއައި، ވާޗުއަލް ރިއަލިޓީ އަދި އީ-ލާނީން ޕްލެޓްފޯމްތައް މެދުވެރުކޮށް ވަށާ ޖެހޭ ތަޢުލީމުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
— Dr Mohamed Muizzu (@MMuizzu) January 24, 2025
ސަރުކާރުން ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަޢުލީމީ ދައިރާއާއި ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިކަންކަމާގުޅޭ މުހިންމު މަޝްވަރާތަކެއް އެމަނިކުފާނު ދާދި ފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކުރައްވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް، އެއްބަސްވުމެއް ދާޚިލީ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދޭނެއެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގިނަ ދައިރާތަކުން އެހީތެރުވުމަށް އެސްޓޯނިއާއިން ތައްޔާރަށް ތިބިކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއަރުވާއިރު، ތަޢުލީމީ ދާއިރާގެ ތެރެއިންވެސް މިކަން ކުރަންޖެހޭކަން މީގެ ކުރިން ފާހަގަކުރައްވާފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތަޢުލީމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އދ. އިން ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިޢާރު ބިނާވަނީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ޒަމާނުގައި އިންސާނިއްޔާތުކަން މި ނިޒާމުގެ ތެރޭގައި ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ.