ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް 17،510 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ ހަފްތާ ނިމުނު އިރު ޗައިނާއަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމެވެ. އެހެން ނަމަވެސް ހަފްތާއެއް ތެރޭ ޗައިނާއިން ރާއްޖެއަށް ވަނީ 9،616 ފަތުރުވެރިން އައިސްފައެވެ. މިއާއެކު މިހާރު ޗައނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.
އަހަރު ފެށުނު އިރު ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް މަޑު ޖެހުމެއް އައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ޗައިނާ އޮތީ ލިސްޓުގެ 5 ވަނައިގައެވެ. ޗައިނާއަކީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް 263،042 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް ދެވެނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
• ޗައިނާ – 17,510 ފަތުރުވެރިން
• ރަޝިއާ – 17,086 ފަތުރުވެރިން
• އިޓަލީ – 15,030 ފަތުރުވެރިން
• އިނގިރޭސިވިލާތް- 13,091 ފަތުރުވެރިން
• ޖަރުމަނުވިލާތް – 8,931 ފަތުރުވެރިން
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 146،164 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %8.6 އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،644 ފަތުރުވެރިން އާދެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.