އީރާނުުން ވާގިވެރިވާ ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތް, ހޫޘީންގެ ނިރުބަވެރިކަމުގެ ދަރަޖަ މަތިކޮށް, އެ ޖަމާޢަތަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތެއް ނުވަތަ އެފްޓީއޯއެއް ކަމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ކަނޑައަޅުއްވައިފިއެވެ.
އެެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ކުރިން ހުންނެވިއިރު ވެސް ހޫޘީންނަކީ އެފްޓީއޯއެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ފަހުން އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ރައީސް ޖޯ ބައިޑަން ވަނީ ޔަމަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ ބޭނުމުގައި ހޫޘީންގެ ނިރުބަވެރިކަމުގެ ދަރަޖަ ދަށް ކޮށްފައެވެ. ނަމަވެސް ޔަހޫދީ ދައުލަތުން އިސްތިއުމާރު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމަށްޓަކައި ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރާއި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް ހޫޘީންގެ ޙަމަލާތައް އަމާޒު ކުރަން ފެށުމުން އެ ޖަމާޢަތަކީ ކޮންމެވެސް ސިފައެއްގެ ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅާފައި ވެއެވެ. ނަމަވެސް އޭރު ވެސް އެފްޓީއޯގެ ދަރަަޖަ އެ ޖަމާޢަތަށް ދީފައެއް ނުވެއެވެ.
ނަމަވެސް ޓްރަމްޕް ވެރިކަމާ އަލުން ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ހަފުތާގެ ތެރޭގައި މި ވަނީ ހޫޘީންނަކީ އެފްޓީއޯއެއް ކަމަށް އަލުން ކަނޑައަޅުއްވާފައެވެ. އެއާއެކު ހޫޘީންނާ ދެކޮޅަށް އެމެރިކާގެ ނިމުނު ސަރުކާރުން އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެ ޖަމާއަތާ ދެކޮޅަށް އަޅާނެއެވެ. އޭގެ ސަބަބުން ހޫޘީންނާ ކުޑަ ވެސް ގުޅުމެއް އޮންނަ ޖަމިއްޔާތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އޭގެ އިތުރުން ޔަމަނުގައި ޙަރަކާތްތެރިވާ އދގެ ބައިވެރިންނާއި ޖަމިއްޔާތަކާއި އެކި މަޝްރޫޢުތައް ހިންގާ ކުންފުނިތައް ވެސް އެމެރިކާގެ ސަރުކާރުގެ ރާޑަރަށް އަރާނެއެވެ.
ވައިޓު ހައުސުން ބުނީ ހޫޘީންނަކީ އެފްޓީއޯއެއް ކަމަށް ކަނޑައެޅީ އެ ޖަމާޢަތުގެ ޙަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނާއި މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި އެމެރިކާގެ ގާތް ސަރަޙައްދީ ބައިވެރިންގެ ސަލާމަތަށް ނުރައްކާވާތީއާއި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރާތީ ކަމަށެވެ. ހޫޘީންނާއެކު ފައިސާގެ މުޢާމަލާތެއް ކޮށްފައިވާ އެއްވެސް ޖަމިއްޔާއަކާ އެކު ޔޫއެސްއެއިޑުން އެެއްވެސް ގުޅުމެއް ނުބޭއްވުމަށް ރައީސް ޓްރަމްޕް އިރުޝާދު ދެއްވާނެ ކަމަށާއި ހޫޘީންނާ ދެކޮޅަށް ފިޔަަވަޅު އެޅުމަށް ދެކޮޅުހަދާ ޖަމިއްޔާތަކާ ގުޅުން ކަނޑައިލާނެ ކަމަށް ވެސް ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފެމުން ބުނީ އެ ނިންމުމުގެ ސަބަބުން ޔަމަނުގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ޔަމަނަށް ކޮންމެހެން މުހިންމު ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އެތެރެ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. ޓްރަމްޕްގެ ސަރުކާރުން ހޫޘީންނަކީ އެފްޓީއޯއެއް ކަމަށް ކަނޑައަޅާފައިވަނީ އޭގެ ސަބަބުން ނިކުންނާނެ ނަތީޖާ ފުރިހަމައަށް އެނގިތިބެ ކަމަށާއި އެ ނިންމުމުގެ ސަބަބުން ޔަމަނަށް ކުރިމަތިވާ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ޙާލަތުގެ ފުރިހަމަ ޒިންމާ އެެމެރިކާގެ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް އެ ޖަމިއްޔާގެ އެމެރިކާގެ ގޮފި, އޮކްސްފެމް އެމެރިކާގެ ސުލްޙައާއި ސަލާމަތާ ބެހޭ ޑިރެކްޓަރު ސްކޮޓް ޕޯލް ވަނީ ވިދާޅުވެފައެވެ.