ޚަބަރު

އަައު އަލިފާންގަނޑަކާއެކު ލޮސް އެންޖެލީސަށް އަނެއްކާވެސް ނުރައްކާ


އެމެރިކާގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތަކުން ސަލާމަތް ނުވެވި އުޅެނިކޮށް އަނެއްކާ ވެސް އެ ސަރަޙައްދާ ކައިރި ހިސާބެއްގައި އެހެން އަލިފާންގަނޑެއް ރޯވެ ފެތުރެން ފަށައިފިއެވެ.

ވާރޭ ނުވެހި ނުވަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި އަލިފާން ރޯވަމުން ދަނީ ވައިގެ ތެތްތަކަން ދަށްވުމާއި ބޯ ގަސްތައް ހިކުމުގެ ސަބަބުންނެވެ. އެ ސަރަޙައްދުތަކުގައި ޖެހޭ ގަދަ ވައިގެ ސަބަބުން އެ އަލިފާންގަނޑުތައް ހަލުވިކަމާއެކު އެހެން ސަރަޙައްދުތަަކަށް ފެތުރިގެން ދެއެވެ.

ހިއޫސްގެ ނަން ދީފައިވާ އައު އަލިފާންގަނޑު ފެތުރެމުން ދަނީ ލޮސް އެންޖެލީސް ސިޓީއާ 50 މޭލު އުތުރުގައެވެ. އެ އަލިފާންގަނޑު ވަނީ 38 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާންގަނޑު ވަނީ ޖަނަވަރީ 7ވަނަ ދުވަހު ފެތުރެން ފެށި އަލިފާންގަނޑުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހުޅުގަނޑު ކަމުގައިވާ އީޓަން އަލިފާންގަނޑުގެ ބޮޑުމިނާ ގާތް ކޮށްފައެވެ. ގަދަ ވަޔާއި ވައިގެ ތެތްކަން އިންތިހާއަށް ދަށްވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރެމުންދަނީ ރަތް އިންޒާރުގެ ޙާލަތުގައެވެ. އެ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ލޮސް އެންޖެލީސް ނިޞްބަތްވާ ކެލިފޯނިޔާގެ ރަސްމީ އިދާރާތަކުން ވަނީ 31,000އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ޢަމުރު ކޮށްފައެވެ. އިތުރު 23,000 މީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އަލިފާން ނިވުމުގެ މަަސައްކަތުގައި 4،000އަށްވުރެ ގިނަ މީހުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.

ފާއިތުވި 16 ދުވަހު ލޮސް އެންޖެލީސްގައި ފެތުރެމުން ދާ ޕެލިސޭޑްސް އަލިފާންގަނޑާއި އީޓަން އަލިފާންގަނޑުގައި އެމެރިކާގެ ވޮޝިންޓަނާ އެއްވަރުގެ ސަރަޙައްދެއް މިހާރު ވަނީ އަނދާފައެވެ. އެ އަލިފާންގަނޑުތަކުގައި މިހާތަނަށް 28 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. ޖަނަވަރީ 7ން ފެށިގެން މިހާތަނަށް 180,000އަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ރަސްމީ އިދާރާތަކުން ވަނީ އަންގާފައެވެ. ނަމަވެސް ޕެލިސޭޑްސާއި އީޓާން އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އީޓަން އަލިފާންގަނޑުގެ 91 އިންސައެްތަ ސަރަޙައްދެއް ކޮންޓްރޯލް ކޮށްފައިވާއިރު ޕެލިސޭޑްސްގެ 68 އިންސައްތަ ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ލޮސް އެންޖެލީސްގައި ފެތުރެމުންދާ އަލިފާންގަނޑުތަކަކީ އެމެރިކާގެ ތާރީޚުގައި ވެސް ކުރިމަތިވެފައިވާ އެންމެ ގެއްލުން ބޮޑު އަދި ނުރައްކާތެރި ޤުދުރަތީ ކާރިޘާއެވެ. އަލިފާންގަނޑުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ އަގު 250 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ގެއްލުން ހިސާބު ކުރާ ބައެއް އަމިއްލަ ކުންފުނިތަކުން ވަނީ އަންދާޒާ ކޮށްފައެވެ.