މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ޕައުލާ ބެޑޯސާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުގަ އެވެ. މި މެޗުގެ ސެޓުތައް ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ސަބަލެންކާ ހޯދައިފިނަމަ އޭނާ ވެގެންދާނީ ފާއިތުވެދިޔަ 26 އަހަރުގެ ތެރޭގައި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދާ ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.
މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް އެނގިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިގާ ސްވިއަޓެކް އާއި މެޑިސަން ކީސް އާއި ދެމެދު ކުޅޭ މެޗަށްފަހުގަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނެފައިވަނީ މާޓިނާ ހިންގިސް އަށް ފަހު މި ރެކޯޑް ހަދާ ފުރަތަމަ ކުޅުންތެރިއަކަށް އޭނާ ވެއްޖެނަމަ އެއީ އޭނާއަށް ދުނިޔެ ލިބުން ފަދަ ކަމެއް ކަމަށާއި އެ ފަދަ ކާމިޔާބީއެއް ހޯދުމަށް އޭނާ އާއި އޭނާގެ ޓީމުން ކެތްމަދުވެފައިވާ ކަމަށެވެ.
ސެމީ ފައިނަލުން ސްވިއަޓެކް ބަލިވެއްޖެނަމަ ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމް އަދިވެސް ސަބަލެންކާއަށް ލިބިގެންދާއިރު މި މުބާރާތުގެ ފައިނަލުގައި ސްވިއަޓެކް އަތުން ސަބަލެންކާ ބަލިވެއްޖެނަމަ ސަބަލެންކާއަށް އެ މަގާމު ގެއްލޭނެ އެވެ.
މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާ އާއި ސްވިއަޓެކް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެނަމަ އެކަން ވެގެންދާނީ 2018 ވަނަ އަހަރަށްފަހު މި މުބާރާތުގައި އެއްވަނަ އާއި ދެވަނައަށް ސީޑުކޮށްފައިވާ ދެ ކުޅުންތެރިން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރަށެވެ.