އާސަންދަ ސްކީމުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގު ފަހިކޮށްދިނުމުން، އަހަރުގެ މިހާތަނަށް 2180 ފަރާތަކުން އެ ޚިދުމަތް ހޯދައިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށް އާސަންދަ މެދުވެރިކޮށް އަހަރަކު 2 ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހުރިހާ ޢުމުރުފުރާއަކަށް ހެދޭ ގޮތަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް، އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢުމުރުން 35 އަހަރާއި 49 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެ މީހުންނަށާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމްވަނީ ހަމަޖައްސާފަވާފައެވެ. އޭގެފަހުން މިދިޔަ ޖުލައި މަހު ހުރިހާ އެންމެނަށް މެޑިކަލް ޗެކަޕް ހެދޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.
ދާއިމީ ބޮޑެތި ބަލިތައް ގިނަވެ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަކުޑަކޮށް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ހުޅުވާލި މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ފަރާތްތަކުން ހިފުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.