ޚަބަރު

ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި


  • މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ހެކްޓަރ ގްލޯބަލްއާއެކު

  • މަސައްކަތް ހަވާލުކުރީ 2.5 އިން ނިންމާގޮތަށް

55 ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އާ އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކައުންސިލް އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފަވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު އަދި ކަމާ ގުޅުންހުރި ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.

ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި، ކައުންސިލްތަކުގެ ޙާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މިގެތެރެއިން ފުރަތަމަ ހަވާލުކުރި މި 55 ރަށުގެ މަސައްކަތް 2 އަހަރާ 6 މަސްތެރެގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށްވެސް ފަހިވާނެގޮތަށް، ޖާގަ ތަނަވަސް އަދި ވަސީލަތްތައް ހަމަ އިމާރާތްތަކަކަށެވެ.

ކައުންސިލްތައް ހިންގާ އިމާރަތްތަކުގެ ޙާލަތު ދެނެގަނެ 50 ރަށެއްގެ ކައުންސިލް އާ އިމާރާތުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހދ.މަކުނުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. މިއީ ކައުންސިލްތަކަށް ދިމާވާ ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވަން ނިންމެވި މަސައްކަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާތަނަށް ބެލިބެލުމުން ޖުމްލަ 187 ކައުންސިލަކަށް ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ހުރިކަން ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މިދައުރުގެ ތެރޭގައި އިމާރާތްކޮށްދިނުމެވެ.