ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލު ވަނީ ސަފީރު ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވައި ރާއްޖެއާއި ޕާކިސްތާން އާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަގައި ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގަތެވެ. ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްޤަރުނައިން އަޙްމަދު ބައިވެރިވިއެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް އަރުވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.