ޚަބަރު

އޭސީސީއަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅައިފި


ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ބަންދުގައި މީހުން ބައިތިއްބައިގެން ތަޙްޤީޤްކުރެއްވުމުގެ ބާރު ލިބިދޭ ގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިޞްލާޙް ގެންނަވަން އޭސީސީން ބަންޑާރަ ނާއިބު އޮފީހަށް ހުށައަޅުއްވައިފިއެވެ.

އެސީސީން ވަނީ އެ ކޮމިޝަންގެ ޤާނޫނަށް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާ 68 އިޞްލާޙެއް ފާހަގަކުރައްވައި އެއިޞްލާޙުތަކުގެ ތަފްޞީލް މިދިޔަ ބުރާސްފަތިދުވަހު ބަންޑާރަ ނާއިބުގެ އޮފީހަށް ހުށައަޅުއްވާފައެވެ.

އެސީސީގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙްތަކުގެ ތެރޭގައި ކޮމިޝަނުން އަންގަވާ އެންގެވުމަކަށް އެކަށޭނެ ޢުޒުރެއްނެތި މީހަކު ތަބާނުވެއްޖެނަމަ ފުލުހުން މެދުވެރިކުރައްވައި، އެމީހަކު ހައްޔުރުކުރައްވައިގެން ޙާޟިރުކުރުމުގެ ބާރު ހޯއްދެވުމުގެ އިޞްލާޙު ހިމެނެއެވެ. އަދި އެންގުމަކާ ނުލައި. ދައުލަތުގެ އިދާރާއަކަށް  ވެދެވަޑައިގަތުމުގެ ބާރާއި ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން އިތުރު ފަރާތެއް މެދުވެރިނުކުރައްވައި ކޯޓު އަމުރަށް އެދިވަޑައިގަތުމުގެ ބާރުހޯއްދެވުމުގެ އިޞްލާޙުވެސް ހިމެނެއެވެ.

ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން އަންނަ މީހެއްގެ އާމްދަނީއަށް މިލްކާއި ދަރަންޏަށް އަންނަ ބޮޑެތި  ބަދަލުތައް ދިރާސާކުރުމާއި ނުހައްޤުން މުއްސަދިކަން ވަކިމީހެއްގެ ކިބައިހުރިކަމަށް ޝައްކުވާނަމަ އެ މުއްސަދިކަން އެމީހަކަށް ލިބުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގާފައިވޭތޯ ބައްލަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ބާރު އެސީސީއަށް ހޯއްދެވުންވެސް އެކޮމިޝަންގެ ޤާނޫނަށް ހުށައެޅި އިޞްލާޙްތަކުގެ ތެރޭގައި ހިމަނުއްވާފައިވެއެވެ.