މިހާރު ކުރިޔަށްދާ ދިވެހި ޔޫތު ލީގުގައި 14 އަހަރުން ދަށުގެ ބައިގައި ޓީސީ ސްޕޯޓްސް ކުލަބުން ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ހޯދުމުގެ ރޭސް ފޯރިގަދަ ކޮށްލައިފިއެވެ.
14 އަހަރުން ދަށުގެ ލީގުގެ އެއް މެޗު މަދުން ކުޅެގެން ޓީސީ އެއްވަނައިގަ އޮތީ 14 ޕޮއިންޓާއެކުއެވެ. ހަމަ މިއަދަދަށް މެޗު ކުޅެގެން ވިކްޓަރީ ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ ލަނޑުގެ ތަފާތުން 14 ޕޮއިންޓާއެކުވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ތިންވަނައިގައި އޮތީ އެއް ޕޮއިންޓު މަދުން ހޯދައިގެން 13 ޕޮއިންޓާއެކުވެ.
ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު މެޗު ޓީސީ ކާމިޔާބުކުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަރުޝް އަރީޝްއެވެ. މި އުމުރުފުރާގައި އިއްޔެ ވެލެންސިޔާވަނީ މާޒިޔާ އަތުން މޮޅުވެފައެވެ. ވެލެންސިޔާ މޮޅުވީ 2-0 ލަނޑުންނެވެ. ވެލެންސިޔާގެ ދެ ލަނޑުވެސް ކާމިޔާބުކުރީ ނަހީކް އަހުމަދު ނިޔާޒުއެވެ. މި މޮޅާއެކު ވެލެންސިޔާ އޮތީ 8 ޓީމު ވާދަކުރާ ލީގުގެ ފަސްވަނައިގަ 8 ޕޮއިންޓާއެކުއެވެ.
12 އަހަރުން ދަށުގެ ލީގުގައި ސަސް އެއްވަނައިގަ އޮތީ ކުޅުނު 6 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މާޒިޔާ އޮތީ 15 ޕޮއިންޓާއި އެކު، އެކަމަކު އެއްމެޗު އިތުރަށް ކުޅެގެންނެވެ. ވިކްޓަރީ ތިންވަނައިގަ އޮތީ 13 ޕޮއިންޓާއެކުއެވެ.
އިއްޔެ މި އުމުރުފުރާގައި ސަސް ވަނީ 3-0 ލަނޑުން ޓީސީގެ މައްޗަށް ކުރި ހޯދާފައެވެ. ސަސްގެ ލަނޑުތަށް ކާމިޔާބުކުރީ އިބްރާހިމް ޝަޔާލް ޝިފާއުގެ އިތުރުން ޒުލްކިފްލީ ބިން މުހަންމަދު އާއި މުހަންމަދު އަކިޔާން އަހުމަދު ނާސިރެވެ. މި އުމުރުފުރާގައި މާޒިޔާ ވަނީ ވެލެންސިޔާގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ. މާޒިޔާގެ ހަމައެކަނި ލަނޑުޖެހީ ނާއިކް އަހުމަދުއެވެ.
ދިވެހި ޔޫތު ލީގުގެ ކުޅުން ދެން އޮންނާނީ މާދަމާއެވެ. މާދަމާ ދެމެޗު ކުޅުމަށް ހަމަޖެހިފަވާއިރު މި ލީގުގެ ކުޅުން ކުރިޔަށްދާނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.