ޚަބަރު

ނައިޖީރިޔާގައި ޕެޓްރޯލް ޓޭންކަރެއް ގޮވައި 70 މީހުން މަރުވެއްޖެ


ނައިޖީރިޔާގައި ޕެޓްރޯލް ޓޭންކަރެއް ގޮވައި 70 މީހުން މަރުވެެއްޖެއެވެ.

ނައިޖީރިޔާގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ނައިޖަރ ސްޓޭޓުގައި މި ހާދިޘާ ހިންގަން މެދުވެރިވީ ތެޔޮ ޓޭންކަރެއް ފުރޮޅާލައި އޭގައި ހުރި ތެޔޮ ބަންޑުންވެ ރޯވުމުންނެވެ. ނައިޖީރިޔާގެ ނޭޝަނަލް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިހާތަނަށް 70 މީހުންގެ ހަށިގަނޑު ހޯދިފައިވާ ކަމަށެވެ. މި ހާދިޘާގައި 56 މީހުންނަށް ޒަޚަމްވެ 15 ފިހާރައެއް ހަލާކުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މަރުވި މީހުންނަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ނައިޖަރ ސްޓޭޓުގައި ދިރިއުޅޭ ފަޤީރު ބައެކެވެ. ޓޭންކަރު ފުރޮޅާލައި ތެޔޮތައް ބަނޑުންވުމުން ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ތެޔޮތައް ނެގުމަށް މަސައްކަތް ކޮށްފައެވެ. ތެޔޮތަކުގައި ރޯވެ ގޮވީ އެ މަސައްކަތުގައި އެ މީހުން އުޅެނިކޮށެވެ.

މަގުތަކާއި އުޅަނދުތަކުގެ ޙާލަތު ގޯސްވުމުގެ ސަބަބުން ތެޔޮ ޓޭންކަރުތައް ފުރޮޅާލުމުގެ ހާދިޘާތަކަކީ ނައިޖީރިޔާގައި ޢާންމުކޮށް ދިމާވާ ކަމެކެވެ. ޓޭންކަރުތައް ފުރޮޅާލާ ޙާލަތްތަކުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސް ކުރުމަށް ނައިޖަރ ސްޓޭޓުގެ ތަރުޖަމާނު ބޮލޮގީ އިބްރާހިމް ވަނީ ޢާންމުންނަށް ގޮވާލައްވައިފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އެ ޤައުމުގެ ޖިގާވާ ސްޓޭޓުގައި މި ފަދަ ހާދިޘާއެއް ހިންގާފައި ވެއެވެ. އެ ހާދިޘާގައި 147 މީހުން ވަނީ މަރުވެފައެވެ.