ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 1400 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"އޮޕަރޭޝަން ކުރަނގި" ކުރިއަށްގެން ގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާހަމައަށެވެ. މި އޮޕަރޭޝަނުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދާ ގުޅިފަޅު ސައިޓްގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށެވެ. ދާޚިލީ ވުޒާރާއިން ވިދާޅުވީ މިއަދުގެ އޮޕަރޭޝަންގައި 1455 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ.
އޭގެތެރޭގައި މާލެ ސަރަޙައްދުގައި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުން 697 ބިދޭސީއެއްގެ މަޢުލޫމާތު ވަނީ ނަގާފައެވެ. އަދި ގުޅިފަޅު ބްރިޖް ސައިޓުން އެފްކޮންސްގެ 758 ބިދޭސީއެއްގެ މަޢުލޫމާތުވެސް ނަގާފައިވާކަމަށް ދާޚީލީ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން މަޢުލޫމާތު އެއްކުރި ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ ބިދޭސީއަކު ދެނެގަނެވިފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ހިއުމަން ޓްރެފިކިން ސްކްރީންނިންވެސް ކުރިއަށް ގެންދިޔަކަމަށާއި ކުރިއަށް އޮތްތަނުގައި "ކުރަނގި އޮޕަރޭޝަން"ގެ ތެރެއިން ހިއުމަން ޓްރެފިކިންއަށް ސްކްރީން ކުރަމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މިދިޔަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުހާތަބުކުރެއްވިއިރު މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނުކަން އިޢުލާންކުރެއްވިކަމަށެވެ. އަދި އެފަހުން މިދިޔަ 2 މަސްތެރޭ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނެގިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުންދާ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލްމަހަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިއުމުގައި ހޯމް ސެކްޓަރގެ މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
Miadhaky “Operation Kurangi” Male’ sarahaddhuge private sector adhi aammu thanthanah fulhaakoh feshunu dhuvas. Miadhu kurevunu masahkkathun vany 1455 bidheysee masahkaiyytheringe 10 ingleege nishaan adhi facial recognition ah beynunvaa photo negi database update kurevifa. Nov 17…
— Minister of Homeland Security & Technology (@min_mohst) January 18, 2025
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 25483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.